މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ.
މި މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުއެވެ.
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ދައުލަތުގެ އެކި ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މިސްކިތް ހުޅުވާފައިވަނީ، މިއަދު އަޞްރު ނަމާދުގެ ވަގުތާ ދިމާކޮށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި މިސްކިތް ބިނާކުރުމަށް ޙަވާލުކޮށްފައިވަނީ އަމިއްލަ ފަރާތަކާއެވެ. އަދި އެކަމާއި ގުޅޭ އެއްބަސްވުމުގައި އެ ވުޒާރާއިން ސޮއިކޮށްފައިވަނީ، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.
3 ބުރިއަށް އިމާރާތްކޮށްފައިވާ މި މިސްކިތަކީ، 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި އަހަރުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރޯދައާ ދިމާކޮށްވެސް އެކި ރަށްރަށުގައި ބިނާ ކުރި މިސްކިތްތައް ވަނީ ހުޅުވާފައެވެ.