މާލެ، ބުރިޖް އަދި ހައިވޭގައި 7 ދުވަސް ތެރޭގައި، 43 އެކްސިޑެންޓު ހިނގާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ފުލުހުން އެކްސް ގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭގޮތުގައި އެންމެ ގިނަ އެކްސިޑެންޓުތައް މި މުއްދަތުގައި ހިނގާފައިވަނީ މާލޭގައެވެ. އެގޮތުން މާލޭގައި 37 އެކްސިޑެންޓު އަދި ހައިވޭ، ބްރިޖުގައި 6 އެކްސިޑެންޓު ހިނގާފައިވެއެވެ.
އެންމެ ގިނަ އަދަދެއްގެ އެކްސިޑެންޓުތައް ވެފައިވަނީ 8 ފެބްރުއަރީގައެވެ. އެދުވަހު 10 އެކްސިޑެންޓެއް ހިނގާފައިވެއެވެ.
ތަފާސްހިސާބުތަކުން އެނގޭގޮތުގައި ގިނަ އެކްސިޑެންޓުތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. އެގޮތުން 31 އެކްސިޑެންޓް ދުވާލު ހިނގާފައިވާއިރު އެމުއްދަތުގައި ރޭގަނޑު ހިނގާފައިވަނީ 12 އެކްސިޑެންޓެވެ.
ތަފާސްހިސާބުތަކުން އެނގޭގޮތުގައި އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައިވަނީ މޮޓޯ ސައިކަލާ އެހެން އުޅަނދަކާ ޖެހިގެންނެވެ. އެގޮތުން ސައިކަލަކާ ކާރަކާ ޖެހިގެން، އަދި ސައިކަލަކާ، ސައިކަލެއް ޖެހިގެން މިއިން ކޮންމެ ގޮތަކުން 7 އެކްސިޑެންޓް ހިނގާފައިވެއެވެ. ދެން އެންމެ ގިނަ އަދަދަކަށް އެކްސިސެންޓުވެފައިވަނީ ސައިކަލަކާ، ވޭން އަކާ ޖެހިގެންނެވެ. އެފަދަ އެކްސިޑެންޓުތައް 5 ފަހަރު ހިނގަފައިވެއެވެ.
މީގެ އިތުރުން ހިނގާފައިވާ އެކްސިޑެންތްތަކަށް ބަލާލާއިރު، ސިންގްލް ވެހިކަލް އެކްސިޑެންޓުގެ 2 އެކްސިޑެންޓާއި، 2 ވޭނުގެ މެދުގައި 2 އެކްސިޑެންޓަކާއި، ވޭން އަކާއި، ހިނގާމީހަކާ ދެމެދުގައި އެކްސިޑެންޓަކާއި، ސައިކަލަކާ ޕިކަޕަކާ މެދު 3 އެކްސިޑެންޓަކާއި، ސައިކަލަކާ ހިނގަމުންދިޔަ މީހަކާ ދެމެދު 2 އެކްސިޑެންޓަކާއި، ސައިކަލަކާ، ބަހަކާ ދެމެދު އެކްސިޑެންޓަކާއި، ހިޓް އެންޑް ރަން 3 އެކްސިޑެންޓާއި، އަމިއްލަ އަށް ވެއްޓިގެން ހިނގި އެކްސިޑެންޓަކާއި، ކާރަކާއި ވޭނެއް ޖެހިގެން ހިނގި އެކްސޑެންޓަކާއި، ޕިކަޕަކާއި ކާރެއް ޖެހިގެން 4 އެކްސިޑެންޓަކާއި، 2 ކާރުގެ މެދުގައި ހިނގާފައިވާ 3 އެކްސިޑެންޓެއް ހިމެނެއެވެ.
މި އެކްސިޑެންޓުތަކުގައި، މީހުންނަށް އަނިޔާ ލިބިފައިވާ ކަން ހާމަކޮށް ފުލުހުން ބުނީ 16 މީހަކަށް ތަފާތު އަނިޔާތަށް ލިބިފައިވާކަމަށެވެ. އެއީ އެކްސިޑެންޓުތަކުގެ 24 އިންސައްތަ ކަން ފާހަގަކޮށް، 76 އިންސައްތަ އުޅަނދުތައް އެކި ވަރަށް ހަލާކުވެފައިވާކަމަށް ބުނެއެވެ. އަދި އެއީ 50 އުޅަނދުކަމަށް ވެސް ފުލުހުން ބުނެއެވެ.
އެކްސިޑެންޓުތަކުގެ ތެރެއިން 2 އެކްސިޑެންޓަކީ ވަރަށް ބޮޑު އެކްސިޑެންޓުތައް ކަން ފާހަގަކޮށް އެއީ 5 އިންސައްތަ އެކްސިޑެންޓުތައް ކަމަށާއި، އަނެއް 41 އެކްސިޑެންޓު ނުވަތަ 95 އިންސައްތަ އެކްސިޑެންޓުތަކަކީ ކުދި އެކްސިޑެންޓުތައް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ މަގު ބޭނުންކުރާ މީހުން، ޓްރެފިކަށް ސަމާލުވެ، އުޅަނދު ދުއްވުމުގެ އަދަބުތަކާ އެއްގޮތަށް، ފަރުވާތެރިކަމާއެކު މަގު ބޭނުން ކުރުމަށާއި މަގުތައް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކޮށްފައެވެ.