މި އަހަރުގެ ރަމަޟާންމަހާ ގުޅިގެން ސަރުކާރުން ދޭ ރޯދަ ހަދިޔާގެ މަސްދަޅުކޭސް، ނުލިބޭ ފަރާތްތަކަށް އެ މަސްދަޅުކޭސް ދޭން ހަމަޖައްސާފައިވާކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް، އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހިނގާ 1447 ވަނައަހަރުގެ ރަމަޟާންމަހާ ގުޅިގެން ސަރުކާރުން ދޭ ރޯދަ ހަދިޔާގެ މަސްދަޅުކޭސް، މާލޭ ސަރަހައްދުގައި އެކި ސަބަބުތަކާހުރެ ލިބިފައިނުވާ ފަރާތްތަކަށް ދޫކުރުން މުލަރޯދަ ދުވަހާއި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 9:30 އިން 11:00 އަށް އޮންނާނެ ކަމަށެވެ.
މަސްދަޅުކޭސް ދޫކުރަން ހަމަޖައްސާފައިވަނީ، އެމްސީއެލްޕީގެ ޕަބްލިކްވަރކްސް ފެންޑާ (މާފަންނު ޓްރެކްދަނޑު ކައިރި)، އަދި ހުޅުމާލޭ ފޭސް 1 އާއި ފޭސް 2 ގައި ހުންނަ މިފްކޯގެ ފިހާރައިން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްއާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ މިދިޔަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ.
މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމްލަ 118,773 މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި މާލޭގެ 61,755 ގޭބީސީއަކާއި އަތޮޅުތެރޭގެ 56,918 ގޭބީސީ ހިމެނެއެވެ.