ފުލުހުންގެ ހިދުމަތް ވަގުތީގޮތުން ހިންގަވާނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަމަށް ކަނޑައަޅައިފިއެވެ.

ފުލުހުުން މީޑިއަތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފެބްރުވަރީ 18 ވަނަ ދުވަހުން ފެށިގެން ދިވެހި ފުލުހުންގެ ހިދުމަތް ވަގުތީގޮތުން ހިންގަވާނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަމަށް މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ކަނޑައަޅުއްވާފައި ވާކަމަށެވެ.

ފުލުހުން ބުނީ މިހެން ކަންތައް ކުރަންނިންމީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން، 2026 ފެބްރުވަރީ 18 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާފައިވާތީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 58 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކަމަށެވެ.

ނަވީން ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 1994 ޖުލައި 7 ވަނަ ދުވަހުއެވެ. ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި 32 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތްޕުޅު ކުރައްވާފައިވާފައިވެއެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވުމާ ހަމަައަށް އޭނާ ހުންނެވީ ހެޑް އޮފް ކޯޕަރޭޓް ސާވިސަސް ޑައިރެކްޓްރޭޓްގެ މަގާމުގައެވެ.

އަދި ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވުމަށް ފަހު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނަވީން އައްޔަނުކުރެއްވީ 10 ޖޫން 2025ގައެވެ. ނަވީން އަކީ މިސަރުކާރުގެ ދެ ވަނަ ސީޕީއެވެ.

ނަވީންގެ ކުރިން އެމަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް އެމަގާމުން އިސްތިއުފާ ދެއްވުމަށްފަހު ވަނީ ރިޓަޔަރކުރައްވާފައެވެ.

މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ, ސީޕީ ނަވީން ހިމެނޭ ގޮތަށް، ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ލަފާދޭން ނިންމައިފައެވެ. އެ އޮފިސަރުން ސަސްޕެންޑުކުރަން ލަފާދެނީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑާ ޚިލާފަށް އެ ބޭފުޅުން އަމަލުކުރެއްވި ކަމަށް ތުހުމަތު ކޮށެވެ.