މާލޭ ނޯތު ހާބަރު ސަރަހައްދު އުޅަނދު ފަހަރަށް، ހުޅުވާލަައިފިއެވެ.
އެމްޕީއެލް އިން އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރުމަށް ހުސްކޮށްފައިވާ މާލޭ ނޯތު ހާބަރު ސަރަހައްދު، މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދު ފަހަރާއި މަސް އޮޑި ފަހަރަށް ރޭ ހުޅުވާފައިވާކަމަށެވެ.
އެމްޕީއެލް އިން ބުނީ އެ ސަރަހައްދު ހުޅުވަން ހަމަޖެހިފައިވަނީ ރޭ 23:00 ގައި ކަމަށެވެ. އަދި މި ސަރަހައްދުގައި ބަނދަރުކުރެވޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ގަވާއިދުތަކަށް ފެތޭ އުޅަނދުފަހަރަށް އެކަނި ކަމަށް ބުނެއެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށާފައި ވާތީ، ނޯތު ހާބަރުގެ އިރުމަތީ ފަރާތުގައި އަޅާފައިވާ ކަނޑު އުޅަނދުތައް ނަގަން އެމްޕީއެލްއިން އެންގީ 14 ޑިސެމްބަރު 2025 ގައެވެ.
ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތައް ނިންމައި، މިދިޔަ އަންގާރަ ދުވަހު ވަނީ ހުޅުވާލައިފައެވެ.
ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްގީ ކޮށްފައިވެއެވެ. އަދި އެމަގު ފުޅާކުރުމަށް ފަޅުތެރެ ހިއްކައިގެން 6 މީޓަރުގެ ސަރަހައްދެއް ވަނީ މަގަށް އިތުރުކޮށްފައެވެ.
ބާޒާރުމަތީ މަގަކީ ހާއްސަކޮށް ރަމަޟާންމަހު ބާރުބޮޑުވާ ސަރަޙައްދަކަށްވާއިރު، މަގު ފުޅާކޮށް ތާރު އަޅައި މަގުގެ މަސައްކަތް އެއްކޮށް ނިމުމާއެކު އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.