ހިޔާ މަޝްރޫއާއި، ވެށިފަހި މަޝްރޫއާއިން ހޮވި ފްލެޓް ނުލިބުނު މީހުން، އެކަމާ ގުޅޭ ލިޔެކިޔުން ނެތްނަމަ ފުލެޓް ލިސްޓުގައި ހިމެނުނުކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހިޔާ ނުވަތަ ވެށިފަހި މަޝްރޫއިން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބި، ފުލެޓް ނުލިބޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީއަށް އެޕްލައި ކުރުމުގައި، ފުލެޓު ލިބޭނެ ކަމުގެ ލިޔުން ނެތްނަމަ، ފުލެޓް ލިބޭނެކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެ ކަމަށެވެ.

އެގޮތުން ކަމާގުޅޭ އިދާރާއަކުން ޢާންމުކޮށްފައިވާ ލިސްޓަކުން ނުވަތަ ދޫކޮށްފައިވާ އެހެން ލިޔުމަކުން އެފަރާތަކަށް ފުލެޓު ލިބޭނެކަން ކަށަވަރުވާނަމަ، އެފަދަ މައުލޫމާތެއް ނުވަތަ ލިޔުމެއް ހުށަހެޅިދާނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގައި ފްލެޓަށް ހުޅުވާލިއިރު، ވެށިފަހި މާލެއާއި ހިޔާ މަޝްރޫޢުއިން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ޙަވާލުކޮށްފައިނުވާ ފަރާތްތަކުގެ ކެޓަގަރީ ވަނީ ހިމަނާފައެވެ.

މި ކެޓަގަރީއިން 500 ފްލެޓް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ވެށިފަހި މަޝްރޫއުގައި، އެ މަޝްރޫއިން ބޯހިޔާހިކަން ލިބޭނެ ކަމަށް ކަނޑައެޅި ފަރާތްތަކުގެ ތެރެއިން 160އެއްހާ މީހުންނަށް ބޯހިޔާވަހިކަން ނުލިބޭ ކަމަށް ބުނެ 2020ވަނަ އަހަރު ހުޅުވާލި ފުރުސަތެއްގައި ޝަކުވާގެ ގޮތުގައި ހުށައަޅާފަވެއެވެ. އަދި ހިޔާގެ އެކި ކެޓަގަރީތަކުންވެސް ފްލެޓް ލިބޭނެ ކަމަށް ލިސްޓުގައި ހިމެނި ގިނަ ބަޔަކަށް އެ ފުރުޞަތު ލިބިފައެއް ނުވެއެވެ.

ވެށިފަހި މާލެ މަޝްރޫއުކީ 2010ވަނަ އަހަރު، މާލޭގެ ރަށްވެހިންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ހިޔާ މަޝްރޫއަކީ، 2017ވަނަ އަހަރު އޭރުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.