2 އަހަރާ ބައިގެތެރޭގައި ޕޮލިސް ތިން ކޮމިޝަނަރުން އައްޔަން ކުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށް ކުރީގެ ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ސީޕީ ހަމީދު މިހެން ވިދާޅުވީ ފުލުހުންގެ ހިދުމަތުގައި 32 އަހަރު ހޭދަކުރެއްވުމަށްފަހު ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އިއްޔެ ރިޓަޔާ ކުރެއްވުމުން ހަމީދުގެ ބްލޮގުގައި އާއްމުކުރެއްވި ލިޔުމެއްގައެވެ.
ހަމީދު ވިދާޅުވީ އެއީ އިދާރާގެ ސްޓެބިލިޓީއާ މެދު ވިސްނާ ކޮންމެ މީހަކު ވެސް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި ލީޑަޝިޕް ބަދަލުތަކުގެ ސަބަބުން ޕޮލިސީތައް ކުރިއަށް ގެންދަން ބުރޫއަރާ ކަމަށާއި އޭގެ ސަބަބުން ހުރިހާ ފަންތިއަކަށް އަސަރުކުރާ ކަމަށެވެ.
އެއާއެކު އޮޕަރޭޝަނަލް ކްލެރިޓީ ދަށްވެ ކޮމާންޑް ސްޓްރަކްޗާގެ ތެރޭގައި ނުތަނަވަސްކަން އުފެދި އިދާރާ ހަރުދަނާ ކުރުމުގެ މަސައްކަތް ލީޑާޝިޕް ބަދަލުވުމުން ލަސްވާ ކަމަށާއި ސިޔާސަތުތައް އަބަދުވެސް ބަދަލުވާ ކަމަށް ހަމީދު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ އޭގެ ސަބަބުން އާންމުންގެ އިތުބާރު ގެއްކި އެ މުއައްސަސާ ހިންގަނީ ގައުމީ މަސްލަހަތަށްތޯ ނުވަތަ ސިޔާސީ ތަނަވަސްކަމެއްތޯ މީހުން ސުވާލު އުފައްދަން ފަށާ ކަމަށެވެ.
މީގެ އިތުރުން ކޮމިޝަނަރުންނާއި ޑެޕިއުޓީ ކޮމިޝަނަރުން އައްޔަން ކުރުމުގައި ސެންޓްރަލައިޒްކޮށް ކޮންޓްރޯލްކުރުމާއި އިސްވެރިން އައްޔަން ކުރާއިރު ދެފުށް ފެންނަ އަދި ވާދަވެރި ޕްރޮސެސްތައް ނައްތާލުން އަދި ލޯކަލް ޕޮލިސިން ބާރުވެރިކުރުވުމުގެ ބައިތައް ބަދަލުކުރުން ހިމެނޭ ކަމަށް ހަމީދު ވިދާޅުވިއެވެ.