ސްޕެޝަލް ކޮންސްޓެބިއުލަރީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 8 ވަނަ ބުރު ފަަށައިފިއެވެ.

ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ފަރާތުން ކުރިއަށްގެންދާ މި ކޯހުގައި ސްޕެޝަލް ކޮންސްޓަބިއުލަރީ 18 ފުލުހުން ބައިވެރިވެއެވެ.

އެ ކޯސް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމްއެވެ.

ފެބުރުވަރީ 15 އިން މާރިޗު 14 އަށް އެ ކޯސް ކުރިއަށް ގެންދަނީ ތިނަދޫ ސިޓީގައެވެ.

މި ތަމްރީނަކީ ސްޕެޝަލް ކޮންސްޓެބިއުލަރީ ކޮންމެ ފުލުހަކު ވެސް ފުރިހަމަކުރަންޖެހޭ ތަމްރީނެކެވެ. މި ތަމްރީނުގައި، ސްޕެޝަލް ކޮންސްޓެބިއުލަރީ ފުލުހުންގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ އިލްމާއި، ހުނަރާއި އަދި ސުލޫކީ މިންގަނޑުތައް އުނގަންނައިދޭނެއެވެ.

މި ތަމްރީނުގެ ތެރެއިން، ޖިސްމާނީ ދުޅަހެޔޮކަމާއި، ޑްރިލްއާއި، ބާރުގެ ބޭނުންކުރުމާއި، ދިފާއީ އުކުޅުތަކާއި، ފުރަތަމަ އެހީއާއި، އަލިފާން ނިއްވުމުގެ އަސާސީ ހުނަރުތަކުގެ އިތުރުން ގާނޫނާއި ގަވާއިދުތަކާއި، މުއާމަލާތުކުރުމުގެ ހުނަރުތަކާއި، މަސައްކަތުގެ އަހުލާގާއި ފުލުހުންގެ މަސައްކަތްތައް އަދި ސެކިއުރިޓީއާ ގުޅޭ ތަފާތު ހުނަރުތައް ދަސްކޮށްދެވޭނެއެވެ.