މި އަހަރުގެ ރަމަޟާން މަހުވެސް މައުމޫން ފައުންޑޭޝަނުން އިހްޔާ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމައިފި އެވެ.
މައުމޫން ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުވެސް އިހްޔާ ފޯރަމް އޮންނާނެ ކަމަށާ ސިލްސިލާ ޖަލްސާތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ޖަލްސާތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. އަދި ޖަލްސާތައް ފެށޭނީ ރޭގަނޑު 10:00 ގަ އެވެ.
މައުމޫން ފައުންޑޭޝަނުގެ މި އަހަރުގެ ޖަލްސާތައް އޮންނާނީ ފެބްރުއަރީ 24 ވަނަ ދުވަހާއި މާޗް 3 ވަނަ ދުވަހާއި 10 ވަނަ ދުވަސް އަދި 17 ވަނަ ދުވަހު އެވެ. އެއީ މި ރަމަޟާން މަހުގެ ކޮންމެ އަންގާރަ ދުވަހެއްގެ ރެ އެވެ.
މި ޖަލްސާތަކުގައި މައުމޫން ފައުންޑޭޝަންގެ ޗެއާމަަން ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދިނީ އިލްމުވެރީން ވާހަކަފުޅު ދައްކަވާނެއެވެ. މައުމޫން ފައުންޑޭޝަނުން ވަނީ ޖަލްސާތަކުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ދައުވަތު ދެއްވާފަ އެވެ.
ރައީސް މައުމޫންގެ ވެރިކަމުގެ 30 އަހަރު ތެރޭގައި ކޮންމެ އަހަރެއްގެ ރަމަޟާންމަހު ވެސް އިޙްޔާ ފޯރަމްތައް ކުރިއަށްގެންގޮސްފައިވެ އެވެ. އެ ވެރިކަން ނިމި ދެން އައި ސަރުކާރުތަކުގައިވެސް އެ މަނިކުފާނު ގެންދަވަނީ ކޮންމެ އަހަރެއްގެވެސް ރޯދަމަހު އިހްޔާ ފޯރަމްތައް ބާއްވަވަމުންނެވެ.