މި ސަރުކާރުގެ ދައުރުގެ މިވީ ދެ އަހަރާއި ބަޔަށް ބަލާއިރު ރައްޔިތުންނަށް ބަސް ބުނަން ހުރި ފުރުސަތުތައް ހަނިކޮށް، ބަންދުކުރަން ރާވައިގެން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ތުހުމަތުކުރައްވައިފިއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ 32 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ، ސަރުކާރުން ބޭނުންވާ ގޮތަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލައިފި ނަމަ ރައްޔިތުންނަށް ބަސް ބުނަން ލިބޭނީ އެންމެ ފުރުސަތެއް ކަމަށާއި، ދެ އިންތިހާބު އެއްކޮށްލަން ސަރުކާރުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް އޮތް ބަސް ބުނުމުގެ ދޮރުތައް ބަންދުކުރުމަށް ސަރުކާރުން އޮޅުވާލައިގެން ބޮޑު، ހީލަތްތެރި ރޭވުމެއްގެ ދަށުން ހިންގާ ކަމެއް ކަމަށެވެ.

އެއީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލައިފި ނަމަ، ފަސް އަހަރުގެ ތެރޭގައި އެއް ފަހަރު ބަސް ބުނުމަށް ފަހު ރައްޔިތުން ތިބެން ޖެހޭނީ އަނގަ ބަންދުކޮށްގެން ކަމަށާއި، ބަހެއް ބުނުމުގެ އެއްވެސް ފުރުސަތެއް، ސަރުކާރާ މެދު ދެކޭ ގޮތް ބުނުމުގެ އެއްވެސް ފުރުސަތެއް ރައްޔިތުންނަށް ނޯންނާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުގައި އެ މަސައްކަތް ކުރީ އެމްޑީޕީގެ މެމްބަރުން ތަޅުމުން ބޭރުކޮށްގެންކަމަށާއި، ކޮމިޓީގެ މަސައްކަތްތައް ނިންމާލީ ފަސް ވަރަކަށް މިނެޓުގެ ތެރޭގައިކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އެ ކަންކަމުން ވެސް މި ނިންމުމުގެ ފަހަތުގައި އޮޅުވާލުންތަކެއް ހުރިކަން ހާމަވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ، ރައްޔިތުން ލާ ވޯޓެއްގެ ކަންކަން ބަދަލުކުރަން އުޅޭއިރު އެ ބަދަލާ ގުޅޭގޮތުން ސަރުކާރުން ރައްޔިތުންނަށް މައުލޫމާތު ދީ، ހޭލުންތެރިކުރަން އެއްވެސް މަސައްކަތެއް ކުރާ ތަނެއް ނުފެނަ ކަމަށެވެ.