ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ދެ ތަރިން ކަމަށްވާ ރަޝްމިކާ މަންދަންނާ އާއި ވިޖޭ ދޭވަރަކޮންޑާ މި މަހުގެ 26 ވަނަ ދުވަހު ކައިވެނިކުރަން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެ ދެމީހުންގެ ގާތް މީހަކު ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބުނީ އެ ދެ މީހުންގެ ކައިވެނި އޮންނާނީ 26 ފެބްރުއަރީ 2026 ގައި ކަމަށެވެ.

އަދި އެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ އުދައިޕޫރުގައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ރަސްމިއްޔާތަށް ދައުވަތު ދީފައިވަނީ ހަމައެކަނި އެ ދެ މީހުންގެ އާއިލާގެ މީހުންނާއި ގާތް ރަހުމަތްތެރިންނަށް އެކަންޏެވެ.

ރަޝްމިކާ އާއި ވިޖޭ އެންގޭޖްވީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ރަޝްމިކާ ވިޖޭ އާ ބައްދަލުވީ އޭނާ ރަކްޝިތު ޝެޓީއާ ރައްޓެހިވެގެން އުޅުމަށްފަހު ގުޅުން ކަނޑާލި ދުވަސްވަރުގައެވެ. 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު ރަކްޝިތުއާ އެންގޭޖްވި ނަމަވެސް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ދެ މީހުންގެ އެންގޭޖްމަންޓް ވަނީ ރޫޅާލާފަ އެވެ. އޭގެ ފަހުނަ ރަޝްމިކާ އާއި ވިޖޭއާ ދެމެދު ވަނީ ގުޅުން ބަދަހިވެފައެވެ. އޭރު އެ ގުޅުން ރަސްމީކޮށް ކަށަވަރު ކޮށް ނުދިން ނަމަވެސް، އެ ދެ މީހުންގެ އޮން ސްކްރީން އަދި އޮފް-ސްކްރީން ކެމިސްޓްރީ އިން ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަވެގެން ދިޔައީ 2018 ވަނަ އަހަރުން ފެށިގެންނެވެ.

މި ދެ ތަރިން އެކުގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ގީތާ ގޯވިންދަމް" އާއި "ޑިއާ ކޮމްރޭޑް" ހިމެނެއެވެ. މީގެ އިތުރުން ދެން އެންމެ އަވަހަށް އެ ދެ މީހުން އެކުގައި ފެނިގެންދާނީ ފިލްމު "ރަނަބާލީ" އިންނެވެ.