މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިހް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި ބިނާކުރި މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ބަންގްލަދޭޝްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި މިސްކިތް ހުޅުއްވައިދެއްވީ ޝެއިހް ފަރީދުގެ ދެ ދަރިކަލުން ކަމުގައިވާ އަބްދުﷲ ފަރީދު އަދި އަބްދުއްރަޙްމާން ފަރީދެވެ.
ޝެއިހްގެ ވަކިވުމާ ގުޅިގެން އެމަނިކުފާނުގެ ހަނދާނުގައި ދެމިގެންދާނެ ފަދަ ސަދަގާތެއްގެ ގޮތުން "ހިދުމަތް ޖަމްއިއްޔާ" އިން ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ފަންޑެއް ހުޅުވިއެވެ. އަދި މި ފަންޑަށް ބޭނުންވާ ފައިސާ ދިވެހި ރައްޔިތުންގެ އެހީތެރިކަމާއެކު ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ހަމަވެފައެވެ.
ބަންގްލަދޭޝްގައި ހުޅުވި މި މިސްކިތަކީ އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެއް ކަމަށް ހިދުމަތް ޖަމްއްއްޔާއިން މައުލޫމާތު ދިެއެވެ. މިއީ ޝެއިހްގެ ހަނދާނުގައި ކުރި މަތިވެރި މަސައްކަތެއްގެ ފެށުމެއްގެ ގޮތުގައި އެ ޖަމްއިއްޔާއިން ސިފަކުރެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތިން، ހިދުމަތް ޖަމްއިއްޔާއިން މިހާރު ވަނީ ރާއްޖޭގައި ވެސް ޝެއިހް އިބްރާހިމް ފަރީދުގެ ނަމުގައި މިސްކިތެއް ބިނާކުރުމަށް އިއުލާނުކޮށްފައެވެ. އެގޮތުން ހުޅުމާލެ ފޭސް ތިނެއްގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ 2،500 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެއް ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.
ޝެއިހް ފަރީދު، މިދިޔަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް އަވަހާރަވުމަކީ ރައްޔިތުންނަށް ނުހަނު ބޮޑު ހިތާމައެއް ލިބިގެންދިޔަ ކަމެކެވެ.
ޝެއިހް ފަރީދަކީ ދީނީ ދައުވަތު ދިނުމަގާއި ދިވެހި މުޖުތަމައަށް ނުހަނު ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ނަމުގައި ބިނާކުރެވޭ މި މިސްކިތްތަކަކީ އެމަނިކުފާނު ކުރެއްވި އިހްލާސްތެރި މަސައްކަތްޕުޅުތަކުގެ ޒިކުރާ އާކުރުމުގެ ގޮތުން ކުރެވުނު ބޮޑު މަސައްކަތެކެވެ.
ޝައިހް އިބްރާހިމް ފަރީދަކީ ދިވެހިރާއްޖޭގެ ދީނީ ދައުވަތުގެ މައިދާނުގައި ނުހަނު އިހްލާސްތެރި މަސައްކަތްތަކެއް ކުރެއްވި، ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ހޯއްދަވާފައިވާ ބޭފުޅެއް ކަން ފާހަގަކުރެވެއެވެ. އެމަނިކުފާނުގެ ނަމުގައި ބިނާކުރެވޭ މި މިސްކިތްތަކަކީ އެމަނިކުފާނު ދިވެހި އުންމަތަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ ޒިކުރާ ދެމެހެއްޓުމަށް ގޮތުން ކުރެވުނު މުހިންމު މަސައްކަތެކެވެ. ބަންގްލަދޭޝްގައި ބިނާކުރި މިސްކިތުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމަކީ ޝެއިހްގެ އާއިލާއަށާއި އެމަނިކުފާނަށް ލޯބިކުރާ ހުރިހާ ދިވެހިންނަށް ލިބުނު ބޮޑު އުފަލެކެވެ.