ރޯދަމަހުގެ ފުރަތަމަ 2 ދުވަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އިން 3،658 ބިސް ކޭސް ކްލިއާކޮށްފި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްޕީއެލް އިން އެކްސް ގައި އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރޯދައިގެ ފުރަތަމަ އަދި ދެވަނަ ދުވަހުވެސް އެންމެ ގިނަ އަދަދަކަށް ރާއްޖެ އެތެރެކޮށް ކްލިއާކޮށްފައިވަނީ ކުކުޅު ބިހެވެ. އެގޮތުން ރޯދަމަހުގެ ދެވަނަ ދުވަހު 3،658 ބިސް ކޭސްވަނީ ކްލިއާކޮށްފައެވެ.

ތަފާސް ހިސާބުން ދައްކާގޮތުގައި ރޯދައިގެ ދެވަނަ ދުވަހު އެމްޕީއެލުން ކޮންޓެއިނަރާއި ވަކިވަކި ކޮންސައިމަންޓު ހިމެނޭހެން ޖުމްލަ 3،260 ޓަނުގެ ތަކެތި ރާއްޖެ އެތެރެކޮށް ކްލިއާކޮށްފައިވެއެވެ. އެއީ 167 ކޮންސައިންމެންޓުގެ މުދާކަމަށް ބުނެއެވެ.

އެންމެ ގިނައިން ކްލިއާކުރި އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީ ގެތެރޭގައި 3،658 ބިސް ކޭސް، 2،165 ފިޔާ ބަސްތާ، 1،224 ޓޮމާޓޯ ބަސްތާ، 926 އަލުވި ބަސްތާ، 792 އަލަނާސި ބަސްތާ، 600 ކަރާ ބަސްތާ، 224 ދޮންކެޔޮ ގަނޑު، 556 ބަސްތާގެ ކެބެޖުގެ އިތުރުން، 170 ބަސްތާގެ މެލަން އަދި 122 ބަސްތާގެ ބަރަބޯ ހިމެނޭކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް އެމްޕީއެލުން ރާއްޖެއަށް އެތެރެކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ކްލިއަރކުރާ މިންވަރު ދަނީ އާންމުކުރަމުންނެވެ. އަދި ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީވެސް ގިނަ އަދަދަކަށް ކާބޯތަކެތި ރާއްޖެއަށް އެތެރެކުރާ ދުވަސްވަރަކަށް ވާތީ، އެމްޕީއެލުން އަންނަނީ ބަނދަރުގެ އޮޕަރޭޝަންތައް ވަރުގަދަކޮށް، މުދާ ކްލިއާ ކުރުމުގެ މަސައްކަތް ލުއިފަސޭހަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން އެމްޕީއެލުން ވަނީ ރަމަޟާން މަހާ ދިމާކޮށް، ރާއްޖެއަށް އެތެރެކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ވީހާވެސް އަވަހަށް ކްލިއާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް 3،000 އަކަފޫޓުގެ ޝެޑެއް ގާއިމްކޮށްފައި ކަމަށް މައުލޫމާތުދެއެވެ.

އެ ޝެޑް ހެދުމުގެ މައިގަނޑު މަގުސަދަކީ އަވަހަށް ހަލާކުވާ ޒާތުގެ މުދާ މާލެ ސަރަހައްދުގެ ބަނދަރުން ވީހާވެސް އަވަހަށް ނެރެވޭނެ މަގު ފަހިކޮށްދިނުން ކަމަށް އެމްޕީއެލުން ބުނެއެވެ. އަދި މީގެ ސަބަބުން ބާޒާރުގައި މުދާ ލިބުން ތަދުވިޔަ ނުދީ ހިފެހެއްޓުމަށް ބޮޑު އެހީއަކަށް ވާނެ ކަމަށްވެސް އެކުންފުނިން ފާހަގަކުރެއެވެ.