ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސައުދުގެ އެހީގައި ކޮންމެ ދުވަހަކު ރޯދަ ވީއްލުން ހަދިޔާކުރުމުގެ މަޝްރޫޢު ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އެ މަޝްރޫޢުގެ ދަށުން ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސައުދުގެ އެހީގައި ކޮންމެ ދުވަހަކު 150މީހުންނަށް ރޯދަ ވީއްލުން ހަދިޔާކުރާނެއެވެ.

އެ މަޝްރޫޢު އިފްތިތާހު ކުރުމަށް މިއަދު ހަވީރު 17:30ގައި އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މި ޙަރަކާތަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ތަނުގައި ވެސް މި ފަދަ މުހިންމު ކަންކަން ދެ ގައުމުގެ މެދުގައިވކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސައުދުގެ އެހީގައި ކޮންމެ ދުވަހަކު ރޯދަ ވީއްލުން ހަދިޔާކުރުމުގެ މަޝްރޫޢު ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސައުދީގެ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ވެސް ބައިވެެރި ވަޑައިގެންފައިވެއެވެ.