މާދަމާއިން ފެށިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ދޭ ޚިދުމަތްތައް ދެމުންދާނީ މައި އެމްސީއެސް ޕޯޓަލް މެދުވެރިކޮށްކަމަށް އެއިދާރާއިން ބުނެފިއެވެ.

ކަރެކްޝަންސް އިން ބުނީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުން ފެށިގެން އެއިދާރާއިން ދެމުންދާ ޚިދުމަތްތައްކަމުގައިވާ ކުށުގެ ރިކޯޑް ސާފުކުރުމަށް އެދުމާއި، ޖަލުގައި ތިބި ފަރާތްތަކާއި އެފަރާތްތަކުގެ ގާނޫނީ ވަކީލުން އަދި އާއިލާއިން ބައްދަލުކުރުމަށް އެދުމުގެ ކަންކަންވެސް މައި އެމްސީއެސް ޕޯޓަލް މެދުވެރިކޮށް އެދެވޭނެކަމަށެވެ.

މައި އެމްސީއެސް ޕޯޓަލަށް ކަރެކްޝަންސް ސާވިސްގެ ވެބްސައިޓުން އީފާސް މެދުވެރިކޮށް ލޮގިންވެވޭނެއެވެ.

އެ ޕޯޓަލް މެދުވެރިކޮށް ގައިދީ ނުވަތަ ބަންދު މީހާ އާ އޮތް ގުޅުން ކަށަވަރުކުރުމަށާއި ރެޖިސްޓާވުމަށް ލިޔެކިއުންތައް ފޮނުވަން ޖެހޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ. މީގެއިތުރުން ކުރީގެ އީ ސާވިސް ޕޯޓަލްއިން ރެޖިސްޓާ ކޮށްފައިވާ ފަރާތްތަކުން އަލުން ރަޖިސްޓާ ކުރަން ޖެހޭނެކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.

މި މަހުގެ 19 އިން ފެށިގެން ކުރީގެ އީ ސާވިސް ޕޯޓަލް މެދުވެރިކޮށް ފޮނުއްވާ އެއްވެސް ރިކުއެސްޓެއް ބަލަމުން ނުދާ ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ. އެހެންކަމުން ދެން ހިދުމަތްތަކަށް އެދެން ޖެހޭނީ މައި އެމްސީއެސް ޕޯޓަލް މެދުވެރިކޮށެވެ.