ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެމް.އެމް.އޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީގޮތުން ބަދަލުކުރި މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުތައް، އަލުން މާލޭ ނޯތު ހާބަރުގެ 'އޭ ޒޯން' (ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑު) އަށް ބަނދަރުކުރަން ފަށައިފައިވާ ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

އެމްޕީއެލް އިން މިރޭ ބުނީ މާލޭ ނޯތު ހާބަރުގެ ޓީމުން މިހާރު މަސައްކަތް ކުރަމުންދަނީ މީގެ ކުރިން 'އޭ ޒޯން' އިން ލިބެން ނެތް ކަރަންޓާއި ފެނުގެ ޚިދުމަތް އެ ސަރަހައްދުން ފޯރުކޮށްދިނުމަށް ކަމަށެވެ.

"ނޯތު ހާބަރުގެ ޚިދުމަތް އަލުން ފެށިއިރު ގެނެވުނު އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އައު ފައްތިއްޔާތައް ބޭނުންކުރަން ފެށުން" އެމްޕީއެލް އިން ބުނެފައި ވެެއެވެ.

މިގޮތުން މި ބަދަލާއެކު، އެ ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ކުރިއަށްވުރެ ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.

މީގެ އިތުރުން އެމްޕީއެލް އިން ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނޯތު ހާބަރުގެ 'ބީ ޒޯން' (ހުޅަނގު ފަރާތު ތޮށިގަނޑު) އަށް އުޅަނދުތައް ބަދަލުކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް އެމްޕީއެލް އިން ބުނެފައި ވެއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ތަރައްގީކުރުމުގެ މަސައްކަތް މިމަހުގެ ފަހިކޮޅު ފެށުމަށް ހަމަޖެހިފައިވާކަމަށް އެމަސައްކަތްކުރަމުން އަންނަ އެމްޓީސީސީން ވަނީ ބުނެފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން، ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ރަސްމީ ފާލަމުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ނިންމާ، ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

އަދި ދެވަނަ ފިޔަވަހީގެ މަސައްކަތް، ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާހަމައަށް ވަނީ ނިންމައި، އާންމުންނަށް ހުޅުވާލާފައެވެ.