ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެމްބަރު ހުރިހާ ގައުމެއްގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންނަކީ ޓެރަރިސްޓް ޖަމާއަތްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށް އީރާނުގެ ފޮރިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ހުރިހާ ގައުމެއްގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންނަކީ ޓެރަރިސްޓް ޖަމާއަތްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން މި ފިޔަވަޅަކީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އީޔޫގެ ސަރުކާރުތަކުން ނިންމި "ޣައިރު ގާނޫނީ އަދި ޖަސްޓިފައިޑް" ނިންމުމަށް ރައްދު ދިނުމުގެ ގޮތުން އެއްބަޔަކު އަނެއްބަޔަކަށް އަޅާ ފިޔަވަޅެކެވެ.

މި ނިންމުން އައިސްފައި ވަނީ އީޔޫގެ މެމްބަރު ގައުމުތަކުން 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ނެގި ނިންމުމާ ގުޅިގެންނެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ބުނީ ޔޫރަޕްގެ އަމަލުތަކަކީ އދ. ގެ ޗާޓަރާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށެވެ.

އެހެންކަމަށް އެކަމަށް ރައްދު ދިނުމުގެ ގޮތުން އީރާނުންވެސް ވަނީ އީޔޫގެ މެމްބަރު ގައުމުތަކުގެ ކަނޑު އަދި ވައިގެ އަސްކަރިއްޔާއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ނިންމާ އެ ގައުމުގެ ދާޚިލީ ގާނޫނުގެ ދަށުން އެ ޖަމާއަތްތަކަކީ ޓެރަރިސްޓް ޖަމާއަތްތަކެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.

"މި ނިންމުން ނިންމާފައިވަނީ އެހެން ގައުމުތަކުން އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމާ ދެކޮޅަށް އަޅާ ފިޔަވަޅުތަކާ ބެހޭ ގޮތުން އީރާނުން އެކުލަވާލާފައިވާ ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން" އީރާނުގެ ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

އީޔޫއިން އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅީ އީރާނުގައި ހިނގަމުން އަންނަ މުޒާހަރާތަކަށް ފިޔަވަޅު އެޅުމާއި ގުޅިގެންނެވެ.

އީރާނުގައި ސަރުކާރާ ދެކޮޅަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުފެށި މުޒާހަރާތައް ފެށުމުގެ މައިގަނޑު ސަބަބަކީ އީރާނުގެ ރިޔާލްގެ އަގު ވަރަށް ބޮޑަށް ދަށަށް ދިއުމާ ގުޅިގެން ގްރޭންޑް ބާޒާރުގެ ފިހާރަތައް ބަންދުކުރުމާއެކު އެ ގައުމުގެ އިގްތިސާދީ ހާލަތު ދަށްވުމެވެ. އެމެރިކާގެ ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އޭޖެންސީން ބުނާ ގޮތުގައި މި ހަމަނުޖެހުންތަކުގައި 7،008 މީހުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި ގިނައީ މުޒާހަރާގެ ބައިވެރިންނެވެ. އަދި 53،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.