ކީރިތި ޤުރްއާން ހިތުދަސްކުރި 50 ޙާފިޒުންނަށް ރައީސްގެ މެޑެއްޔާއި އިނާމު މިއަހަރު ލިބޭނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ޤުރްއާން ހިތުދަސްކުރި ޙާފިޒުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން، އަންނަ މާރިޗު މަހުގެ 1 ވާ އާދީއްތަ ދުވަހުގެ ރޭ ބާއްވަވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށެވެ.

އަދި މެޑެއްޔާއި އިނާމު ދިނުން އޮންނާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމް ކޮށްގެން އިސްލާމީ މަރުކަޒުގައި މިކަމަށްޓަކައި އެ ރޭ ބާއްވާ ޚާއްޞަ ޖަލްސާގައި ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު މި އަހަރު ލިބޭނީ 50 ޙާފިޒުންނަށް ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޒުންނަށް އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ މެޑެއްޔާއި އިނާމު ދީފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި 1446 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހު ބޭއްވި ރަސްމީ ޖަލްސާގައެވެ.

އެ އަހަރު 28 ޙާފިޒަކަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ލިބިފައި ވެއެވެ.