މަސްތުވާތަކެތީ ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހުޅުމާލެއިން ދެ މީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ / އޯކިޑްމާގެ، އުމުރުން 40 އަހަރުގެ ޢަބްދުﷲ އަފީފް އާއި ތ. ތިމަރަފުށި / ލަކީހައުސް، އުމުރުން 38 އަހަރުގެ ޞަފްވާން އަލީއެވެ.

ފުލުހުން ބުނީ، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކަށް އަމާޒުކޮށްގެން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށް ކަމަށެވެ.

ފުލުހުން ބުނީ، މި ފެބުރުވަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ނިރޮޅުމަގުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓާއި 30500 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 190 އަށް ވުރެ ގިނަ ޑޮލަރު ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އުމުރުން 40 އަހަރުގެ ޢަބްދުﷲ ޢަފީފް 7 ދުވަހަށް އަދި އުމުރުން 38 އަހަރުގެ ޞަފްވާން ޢަލީ 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.