ގިރާވަރު ފަޅުން 15 ހެކްޓަރު ބިން ހިއްކާ ނިމިއްޖެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް، (އެމްއޭސީއެލް) އިން ބުނެފިއެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމްލަ 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު, އެމްއޭސީއެލްއިން މިދިޔަމަހު ހިއްކަން ފަށާފައިވަނީ ގިރާވަރުފަޅުން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިމެވެ.

އެމްއޭސީއެލްއިން ބުނީ 97.15 ހެކްޓަރުގެ ތެރެއިން މިހާތަނަށް 15 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަމަށެވެ. މިއީ ހިއްކުމަށް ހަމަޖެހިފައިވާ ބިމުގެ %15.44 އެވެ.

ގިރާވަރުފަޅު މިހާރު ހިއްކަމުންދަނީ 2 ޑްރެޖަރު ބޭނުންކޮށްގެންނެވެ. އެއީ ކުއީން އޮފް ދި ނެދަލޭންޑްސްއާއި އޮރެންޖީއެވެ. ކުއީން އޮފް ދި ނެދަލޭންޑްސްއަކީ އެއްފަހަރާ 35،500 ކިޔުބިން މީޓަރުގެ ބިން ހިއްކޭ އަދި އޮރެންޖީއަކީ އެއްފަހަރާ 22،000 ކިޔުބިން މީޓަރުގެ ބިން ހިއްކުމުގެ ގާބިލްކަން ހުންނަ ޑްރެޖަރެއްކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބިންހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރުފަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ. 2 ޑްރެޖަރު ބޭނުންކޮށްގެން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު މިއާއިއެކު ބިން ހިއްކުން އިތުރަށް އަވަސްވެގެން ދާނެއެވެ.