ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯ ގައި ކުނި އުކާލުމާއި ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި، ދުޅަހެޔޮ ކަން ކަށަވަރު ކުރުމަށް އެ ކޮމިޝަނުން ތަހުގީގުކުރަން ފަށައިފިއެވެ.
ވެމްކޯ އިން އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނީ އެ ކޮމިޝަނުގައި ކުނި އުކާލުމާއި ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި، ދުޅަހެޔޮ ކަމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކެއް ފާހަގަވެފައިވާތީ އެ ކޮމިޝަނުން އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާކަމަށެވެ.
ވެމްކޯ އިން ބުނީ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި އަނިޔާތައް ލިބޭކަން ފާހަގަވެ، މުވައްޒަފެއްގެ ފުރާނައަށް ގެއްލުންވި ހާދިސާތަކެއް އެ ކޮމިޝަނަށް ރިޕޯޓޫކޮށްފައިވާކަމަށާއި، އެކަމުގެ ސަބަބުން ވެމްކޯގެ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރާކަމަށެވެ. އަދި އެފަދަ ހާދިސާތަކުގެ ސަބަބުން ވެމްކޯގައި ހުރި މަސައްކަތުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާކަމާ މެދު އާންމުންގެ މެދުގައި ކަންބޮޑުވުން އޮތްކަމަށްވެސް ބުނެއެވެ.
ކުނި މެނޭޖުކުރުމަކީ އޭގެ ޒާތުގައި ނުރައްކާތެރި ކަންތައްތަކެއް އެކުލެވިގެންވާ ކަމެއްކަމަށާއި، އޭގެ ތެރޭގައި ބަޔޮލޮޖިކަލް ކޮންޓިމެންޓްތަކާއި، ނުރައްކާތެރި މާއްދާތަކާއި، ތޫނު އެއްޗިއްސާއި، ބޮޑެތި މެޝިނަރީތަކަށް ހުށަހެޅުމާއި އަދި ޖިސްމާނީ ގޮތުން ކުރަންޖެހޭ ބުރަ މަސައްކަތްތައް ހިމެނޭކަން ފާހަގަކޮށް ގާނޫނުއަސާސިއާއި ގާނޫނީ އިލްތިޒާމްތަކާއި އެއްގޮތްވާގޮތުގެ މަތިން މަސައްކަތުގެ މާހައުލުގައި އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އޭގެ އެންމެ ފުރިމަގޮތުގައި ތަންފީޒުކުރަމުންދާކަން ދެނެގަނެ ޔަގީންކުރުމަށް އެ ކޮމިޝަނުން ތަހްގީގީ މަސައްކަތް ފަށައިފި ކަމަށް ވެމްކޯ އިން ބުނެއެވެ.
ފަށާފައިވާ ތަހުގީގުގައި ހިމެނޭ ބައިތަކަށް ބަލާލާއިރު، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތރި ކަމުގެ ގާނޫނުގެ ދަށުން މަސައްކަތްތެރިންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދެވޭތޯ ބެލުމާއި، މަސައްކަތްތެރިން ހުށަހެޅިގެންދާ ސިއްހީ ނުރައްކާތަކާއި، މިކަންކަމާ ގުޅިގެން އެކަށީގެންވާ ޕާސަނަލް ޕްރޮޓެކްޝަން އިކިއުޕްމެންޓް، ޕިޕީއީ ފޯރުކޮށްދީ ރައްކާތެރިވުމުގެ ފިޔަވަޅުތައް ތަންފީޒުކުރާ މިންވަރާއި، މަސައްކަތްތެރިންނަށް މަސައްކަތުގެ މާހައުލުގައި ހިނގާ ހާދިސާތައް ރިޕޯޓްކޮށް ފިޔަވަޅު އަޅާތޯއާއި، ބިދޭސީ މަސައްކަތްތެރިންނަށް ނުވަތަ ނާޒުކު ހާލަތުގައި ތިބޭ މަސައްކަތްތެރިންނަށް އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ގެންގުޅޭތޯ ބެލުމާއި، އަދި ބިރުދެއްކުމެއް ނުވަތަ ބަދަލު ހިފުމުގެ ބިރެއް ނެތި މަސައްކަތުގެ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތައް ފާޅުކުރުމުގެ ފުރުސަތު މަސައްކަތްތެރިންނަށް އިތްތޯ ބެލުން ހިމެނެއެވެ.