ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގައި ކުނި އުކުމާއި މެނޭޖުކުރުމުގައި އުޅޭ މުވައްޒަފުންގެ ރައްކާތެރިކަމާ ގުޅޭ މައްސަލަ ބަލަން ފަށައި، އެކަމާ ގުޅޭ މައުލޫމާތު އެނގޭ ނަމަ އެކަން ހިއްސާކޮށްދިނުމަށް ހިޔުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން އެދިއްޖެ އެވެ.

އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި މިގޮތަށް އެދިފައި މިވަނީ ވެމްކޯގައި މަސައްކަތުގެ މާހައުލުގައި ތަކުރާރުކޮށް މުވައްޒަފުންނަށް އަނިޔާތައް ލިބި އަދި މުވައްޒަފެއްގެ ފުރާނައަށް ގެއްލުންވި ހާދިސާތަކެއް ރިޕޯޓުކޮށްފައިވަނިކޮށެވެ.

އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ރޭ ބުނީ ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމާއި ގުޅުންހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން އެ ކޮމިޝަނުން އިސް ނަގައިގެން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެގޮތުން އެޗްއާރްސީއެމުން ވަނީ އެ ތަހުގީގާއި ގުޅުންހުރި މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ވެމްކޯގެ މިހާރުގެ އަދި ކުރީގެ މުވައްޒަފުންނަށާއި މަސައްކަތްތެރިން ތަމްސީލުކުރާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ގުޅުންހުރި ސްޓޭކް ހޯލްޑަރުންނާއި އެ ތަހުގީގާއި ގުޅުހުންހުރި އާންމު މައުލޫމާތު ލިބިފައިވާ ފަރުދުންނަށްވެސް ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.

އެޗްއާރްސީއެމުން ބުނީ އެ ކަމާއި ގުޅޭ މައުލޫމާތު އެ ކޮމިޝަނަށް މެއިލްކޮށްގެން ނުވަތަ ފޯނު ނަންބަރު 3003121 މެދުވެރިކޮށްވެސް ހުށަހެޅޭނެ ކަމަށެވެ. އަދި އެ މައުލޫމާތު އެ ކޮމިޝަނަށް ހާޒިރުވެގެންވެސް ހުށަހެޅޭނެކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެޗްއާރްސީއެމް އިން ބުނީ އެ މައުލޫމާތުތައް ހުށަހަޅަން ޖެހޭ ސުންގަޑިއަކީ 5 މާރިޗު 2026 ގެ މެންދުރު 12 ގަޑި ސުން މިނިޓުގެ ކުރިން ކަމަށެވެ.

މީގެ އިތުރުން ނަން ހާމަނުކޮށްވެސް އެ މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށާއި މައުލޫމާތުދޭ މީހުންގެ ވަނަވަރު ސިއްރުކުރާނެ ކަމުގެ ޔަގީންކަން އެޗްއާރުސީއެމުން ވަނީ ދީފަ އެވެ. އަދި މައުލޫމާތުދޭ ފަރާތްތަކާމެދު މީހަކު ބަދަލު ހިފައިފިނަމަ އެ ފިޔަވަޅު އެޅި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް އެ ކޮމިޝަނުގެ ބަޔާނުގައި ވަނީ ބުނެފައެވެ.