މި ބަރަކާތްތެރި ރަމަޟާންމަހަކީ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވުމުގެ މަހެއްނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ނަސްރާއި ކާމިޔާބުގެ މައްސަރާ ބެހޭގޮތުން ވާހަކަދައްކާފައިވާ އިރު، ހުތުބާގައި ބުނީ ރޯދަމަހީ އިންސާނާގެ ހަށިގަނޑުންކުރެވޭ ޖިހާދުގެ އިތުރަށް އޭނާގެ ހަވާނަފުސާ ދެކޮޅަށް އެންމެ ފުރިހަމަ މާނައިގައި ޖިހާދުކުރެވޭ މައްސަރުކަމަށެވެ.
އެގޮތުން މި މައްސަރުގައި ހިފާ ރޯދައިގެ ސަބަބުން، ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު ތަހުޒީބުކުރުމަށް ބާރުއަޅާކަމަށް ހުތުބާގައި ބުނެފައިވެއެވެ.
"ރޯދަވެރިޔާ އޭނާގެ ކުރިމަތީގައި މާތް ﷲ އޭނާއަށް ހަލާލުކުރައްވައިފައިވާ ކާތަކެއްޗާއި، ކަރުހިއްކުންފިލުވައިދެނިވި ފެން ލިބޭން ހުންނަ ހާލުވެސް، އެކަލާނގެ އަމުރުފުޅަށް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން އެ ތަކެއްޗާ ދުރުހެލިވަނީ އޭނާގެ ނަފުސު އެ ކަމަށް އެދި ގޮވާހާލުގައެވެ."
ހުތުބާގައި އިތުރަށް ބުނެފައިވަނީ ރަމަޟާންމަހަކީ ނަފުސުގެ ޖިހާދުގެ އިތުރަށް އިސްލާމްދީނުގެ އަދުއްވުންނާ ދެކޮޅަށް މުސްލިމުން އެންމެ ބޮޑެތި ނަސްރާއި ކާމިޔާބީތައް ހާސިލުކުރި މައްސަރު ކަމަށެވެ.
"އިސްލާމީ ތާރީޚު ބަދަލުކޮށްލި މަޝްހޫރު ބަދުރުހަނގުރާމަކުރެވުނީ ހިޖުރައިން ދެވަނަ އަހަރު ރަމަޟާންމަހު ސަތާރަވަނަ ދުވަހުއެވެ. ހާހަކަށް ވުރެ ގިނަ ކާފިރުންގެ ވަރުގަދަ ލަޝްކަރު މުސްލިމުންގެ ތިންސަތޭކައެއް ހައި މީހުންގެ ލަޝްކަރުގެ އަތްދަށުވެ ބަލިވުމަކީ ތާރީޚީ ގޮތުން މުސްލިމުންނަށް ލިބުނު އެންމެ ވަރުގަދަ ކާމިޔާބީއެވެ."
މީގެ އިތުރުން މުސްލިމުންނަށް ލިބުނު އެންމެ ބޮޑު އެއް ފަތަޙަކަމުގައިވާ މައްކާ ފަތަޙަކުރެވުނީ ހިޖުރައިން އަށްވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ވިހިވަނަ ދުވަހުކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ރޯދަވެރިޔާގެ ހަގީގީ ކާމިޔާބުއޮތީ ރިވެތި އަހުލާގުން އޭނާގެ ނަފުސު ތަހުޒީބުކުރުމުގައި ކަމަށެވެ. އަދި ރަމަޟާންމަހަކީ، ކަންނެތްކަން އިހުތިޔާރުކޮށް، މަސައްކަތްތައް ހުއްޓައިލައި ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން ކަން ފާހަގަކޮށް އެއީ އަޅުކަމުގައި ހީވާގިވެ ކުރިއަރައިދާންވީ މައްސަރެއް ކަމަށާއި ހާއްސަކޮށް އެ މަހުގެ ފަހު ދިހައަކީ އިތުރަށް ހީވާގިވެ އަޅުކަމުގެ ކަމަރުބަންނާންވީ ދުވަސްތަކެއް ކަމަށް ބުނެއެވެ.
"ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުމެކެވެ."
ހުތުބާގައި ވަނީ މި ރަމަޟާން މަހުގެ ބަރަކާތް ހެޔޮ ގޮތުގައި ހިފުމަށް އިލްތިމާސްކޮށްފައެވެ.