ވިޔަފާރިވެރިޔާ އަދި މާމިނގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް އދ. މާމިގިލީގައި ބިނާކުރި މިސްކިތް 'މަސްޖިދު އިބްރާހިމް' މިއަދު ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ޤާސިމް އިބްރާހިމްއެވެ.
މި މިސްކިތް ހުޅުވުމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޤާސިމް އިބްރާހިމާއި، މާމިގިލީގެ ކައުންސިލްގެ އިސްވެރިންނާއި ރައްޔިތުން ބައިވެރިވެލައްވާފައިވެއެވެ.
މި މިސްކިތް ހުޅުވައިދެއްވާ، މިސްކިތުގައި މިއަދު އިމާމުވެ ހުކުރު ނަމާދު ކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
800 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދެ ޖިންސުގެ މީހުންނަށް ވަކިން ނަމާދުކުރެވޭ އަދި ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ މިސްކިތެކެވެ. މީގެ އިތުރުން މިސްކިތުގައި އޭސީގެ ނިޒާމު ޤާއިމްކޮށްފައިވެއެވެ.
ގާސިމްގެ ބައްޕާފުޅުގެ ނަމުގައި މާމިގިލީގައި ބިނާކުރި މިސްކިތް މިއަދު ހުޅުވައިދެއްވާފައި ވާއިރު ގާސިމްގެ މަންމާފުޅުގެ ނަމުގައި ށ. އަތޮޅުގެ ރަށެއްގައި ވަނީ މިސްކިތެއް ބިނާކޮށްދެއްވާފައެވެ. އަދި އަނބިކަނބަލުން މެޑަމް އައިޝަތު ނަހުލާގެ ނަމުގައިވެސް ވަނީ މިސްކިތެއް ބިނާކޮށްދެއްވާފައެވެ.
ސަރުކާރުގެ ޚަރަދުގައި ޢިމާރާތްކުރި ބައެއް މިސްކިތްތަކާއި، އަމިއްލަ ފަރާތްތަކާއި ގުޅިގެން ޢިމާރާތްކުރި މިސްކިތްތައް ހިމެނޭހެން މި ރަމަޟާން މަހަށް 15 މިސްކިތެއް ހުޅުވާފައިވާކަން ފާހަގަކޮށްލެވެއެވެ.