މާލޭގައި މަރާމާތުކޮށް އާބާތުރަފިލުވުމުގެ މަސައްކަތް ކުރަމުންދާ 2 ޕާކާއި ސުނާމީ ބިނާ ސަރަހައްދުގެ މަސައްކަތް އީދު ދުވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގައި މިހެން ހުރި ތަންތަން މަރާމާތުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ އެމަނިކުފާނު ހައުސިން މިނިސްޓަރުކަމާއި މޭޔަރަކަށް ހުންނެވި ދުވަސްވަރު ތަރައްގީކުރި ޕާކުތައް މިހާރު ވީރާނާވެފައިވާކަމަށެވެ. އަދި މީގެ ދެއަރަހެއްހާ ދުވަހުގެ ކުރިން އެތަންތަން ވީރާނާވެފައި ހުރުމުން ސަރުކާރުން އަލުން އެތަންތަން ތަރައްގީކުރަން ފެށީކަމަށް ރައީސް ވިދާޅުވިއެވެ.

ޖުމްހޫރީ މައިދާން ތަރައްގީކުރުމުގެ ބޮޑު ބައެއް ނިމިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެތަން އީދު ދުވަހަށް އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށާއި، ޒަމާނީ އިތުރު ވަސީލަތްތަކާއެކު ސަލްޓަންޕާކް ތަރައްގީކުރުމުގެ މަސައްކަތާއި، ސުނާމީ ބިނާ މައިޒާން އީދުގެ ކުރިން އަލުން ތަރައްގީކޮށް ނިންމާލުމަށްވެސް މަސައްކަތް ކުރަމުންދާކަމަށެވެ.

ސަރުކާރުން އަންނަނީ ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކުގެ އިތުރުން ސުނާމީ ބިނާ މައިޒާން އަލުން ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މަރާމާތުގެ މަސައްކަތްތަކަށް ސަލްޓަން ޕާކު އަދި ޖުމްހޫރީ މައިދާންވެސް ވަނީ ބަންދުކޮށްފައެވެ. މި މަސައްކަތްތައް ފެށީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.

ސަލްޓަން ޕާކުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ސަލްޓަން ޕާކު ވިއު ސްޓްރަކްޗާ، ޓްރީހައުސް އަދި ޕާކުގެ ވޯކްވޭތަކާއި ކުޑަކުދިން ކުޅޭ ސަރަހައްދުތައް މާރާމާތުކޮށް އާބާތުރަ ފިލުވުމެވެ. ޖުމްހޫރީ މައިދާނުގެ މަސައްކަތްތައްވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. އަދި އެތަނުގެ ބައެއް މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

ޕާކުތަކާއި މައިޒާންތަކުގެ މަސައްކަތުގެ ތެރެއިން ރަސްފަންނުގެ އާބާތުރަފިލުވާ އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ގެންދަނީ އެމްޓީސީސީ އަދި އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެންނެވެ.

އެމްޓީސީސީން ކުރިއަށްގެންދަނީ ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި ބޭރު ތޮށި މަރާމާތު ކުރުމުގެ މަސައްކަތްތަކެވެ. އަދި އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދަނީ ރަސްފަންނު ޕެވީލިއަން މަރާމާތުކުރުމާއި އެތަނުގައި ފާހާނަ ބަރި ހެދުމުގެ މަސައްކަތެކެވެ.

ޕެވިލިއަންގެ ގްރައުންޑް ފްލޯގެ މަސައްކަތް ނިންމާ މިހާރު އެތަން ދަނީ ބޭނުންކުރަމުންނެވެ. ރަސްފަނުންގައި ފާހާނަބަރި ހެދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އަދި ރަސްފަންނުގެ މަސައްކަތްތައް މާޗްމަހުގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.