އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން މެދުއިރުމަތީގެ ސަރަހައްދުތަކުގެ ވައިގެ ބަނދަރުތައް ބަންދުކޮށްފައިވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލުން ހާއްސަ އެޑްވައިޒަރީއެއް މިއަދު ނެރެފިއެވެ.

އެމްއޭސީއެލުން ނެރުނު ޓްރެވެލް އެޑްވައިޒަރީގައި ވަނީ މެދުއިރުމަތީގެ ގައުމުތަކަށް ދަތުރުކުރާ މީހުން ސަމާލުވާން އަންގާފައެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް މިއަދު ހަމަލާދޭން ފެށުމާ އެކު މެދުއިރުމަތީ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. އަދި އެ ސަރަހައްދުން ރާއްޖެ އަށް އަންނަ ހުރިހާ ފްލައިޓެއް ވެސް ވަނީ ކެންސަލްވެފައެވެ.

އެގޮތުން އެއާޕޯޓަށް ދިއުމުގެ ކުރިން އެ ފަސިންޖަރަކު ފުރުމަށް ހަމަޖެހިފައިވާ ފްލައިޓުގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓާއި ޓުއާއޮޕަރޭޓަރުން މެދުވެރިކޮށް ހޯދުމަށް އެމްއޭސީއެލުން ވަނީ އަންގާފައެވެ.

އަދި އެ އެެޑްވައިޒަރީގައި ސަމާލުކަން ދޭން އެންގި ކަންކަމުގެ ތެރޭގައި ދަތުރުކުރާ އެއާލައިންގެ ވެބްސައިޓް ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ދަތުރު އަދި ފްލައިޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު އެ ފަރާތްތަކުން ފޯރުކޮށްދޭ އިރުޝާދަށް ތަބާވުމާއި ދުރާލާ ދަތުރުގެ ކަންކަން ރޭވުން ހިމެނެއެވެ.