މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުފަތުރަށް އަންނަ ބަދަލުތަކަށް ސަމާލުވުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
އެ ވުޒާރާއިން މިގޮތަށް އިލްތިމާސްކުރައްވާފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ގިނަ އަދަދެއްގެ ފްލައިޓްތަކަކުން ދަތުރުތައް ކެންސަލްކުރަމުންދާތީއެވެ.
މި ހާލަތުގެ ސަބަބުން ދަތުރުވެރިންނަށް ކުރިމަތިވަމުންދާ ދަތިތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
އެހެންކަމުން ފަތުރުވެރިން އެއާޕޯޓަށް ގެންދިއުމުގެ ކުރިން އެއާލައިންތަކުގެ ޝެޑިއުލަށް އައިސްފައިވާ ބަދަލުތައް ރަނގަޅަށް ކަށަވަރުކުރުމަށް ހުރިހައި ރިސޯޓްތަކާއި ފަތުރުވެރިންނަށް ހިދުމަތްދޭ މަރުކަޒުތަކަށް އެވުޒާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ. ދަތުރުތައް ކެންސަލްވުމުގެ ސަބަބުން މަޑުކުރަންޖެހިފައިވާ ފަރާތްތަކުން އެއާލައިންތަކާއި ކަމާގުޅޭ އިދާރާތަކުން ދެމުންދާ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުކަން ދިނުމަށްވެސް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ
މެދުއިރުމަތީގެ މަޝްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، އެ ސަރަހައްދަށް ދަތުރުލުރާ ފްލައިޓްތަކެއް ކެންސަލްވެ ގިނަ ފަތުރުވެރީންތަކެއް ނުފުރި ވީއައިއޭގައި ރޭވެސް މަޑުކުރަންޖެހުނެވެ.
އެގޮތުން އިއްޔެ އެކަނިވެސް 8 ފްލައިޓެއް ވަނީ ކެންސަލްވެފައެވެ. އަދި 1400 އަށްވުރެ ގިނަ ފަތުރުވެރިން ނުފުރި އެއާޕޯޓްގައި ވަނީ މަޑުކުރަންޖެހިފައެވެ. މިއަދުވެސް ގިނަ އަދަދެއްގެ ފްލައިޓްތައް ވަނީ ކެންސަލްވެފައެވެ.
އެހެންކަމުން ފަތުރުވެރިންގެ ހާލު ބެއްލެވުމަށް އަދި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވައިދެއްވުމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވަނީ އެއާޕޯޓަށްވެސް ވަޑައިގެންފައެވެ. އަދި އެމްއޭސީއެލްއާއި ގުޅިގެން އެއާޕޯޓްގައި ފަތުރުވެރިންނަށް ވަނީ އިންތިޒާމްތައް ހަމަޖައްސަވައިދެއްވާފައެވެ.