މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައިގެ ސަބަބުން، ސީދާ ގޮތުން ދިވެހިރާއްޖެއަށް އަސަރުކުރާނެ ކަމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ހަރަދުތައް ކުޑަކޮށް ވިސްނުންތެރިކަމާއި އެކު އިގުތިސާދު ހިފެހެއްޓުމަށް ފިޔަވަޅުތައް އަޅަންޖެހޭ ވަގުތެއް ކަމަށެވެ. އަދި އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ސީދާ އަދި ނުސީދާ ގޮތުން ކޮށްފާނެ އަސަރަކަށް ސަރުކާރުން ތައްޔާރުވެ އޮތީ ކިހާމިންވަރަކަށްތޯ ސުވާލުކޮށްލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމަކަށް ވުމާއި އެކު ހަނގުރާމައިގެ ފުރަތަމަ ވަގުތުން ފެށިގެން ފްލައިޓްތައް ކެންސަލްކޮށް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދު ކުރުމާއިއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިވަނީ ލޮޅުން އަރާފައި ކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ އެތައް ހާސްފަތުރުވެރިންނެއް ތިބީ ވެލާނާ އެއާޕޯޓުގައި ތާށިވެފައި ކަމަށެވެ.

އީރާނުން ހޮރުމޫޒް ކަނޑު އޮޅި ބަންދުކުރުމާއިއެކު ތެލާއި ބައިނަލްއަގުވާމީ އެހެން ވިޔަފާރި މުއާމަލާތްތަކަށް ބުރޫއަރާފައި ވާކަމަށާއި، މުޅިން އިމްޕޯޓަށް ބަރޯސާވެފައިވާ މިގައުމަށް ހަނގުރާމައިގެ ސަބަބުން ލިބިދާނެ އިގުތިސާދީ ގެއްލުންތަކުގެ ސަބަބުން، ހާއްސަކޮށް މިފަދަ ރަމަޟާން މަހެއްގައި ތެލާއި ކާބޯތަކެތީގެ ދަތިކަން ކުރިމަތި ނުވާނޭކަމުގެ ކަށަވަރުކަން ސަރުކާރުން ރައްޔިތުންނަށް ހޯދައިދޭން ޖެހޭ ކަމަށާއި، ދައުލަތުގެ ހަރަދުތައް ކުޑަކޮށް އިގުތިސާދީ ދާއިރާގެ ބޭފުޅުންގެ ލަފަޔާއި މަޝްވަރާ ހޯއްދައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ 2019 ގައި ކުރިމަތިލި ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުމާއި ކުރިމަތިވި ނަމަވެސް ސީދާ އާއްމުންގެ ދިރިއުޅުމަށް އެކަމުގެ ސަބަބުން ކުރި އަސަރުތައް ކުޑަކުރެވުނީ ވިސްނުންތެރިކަމާއިއެކު މަސައްކަތް ކުރުމުން ކަމަށެވެ.

ކޯވިޑްގައި އިގުތިސާދަށް ލިބުނު ގެއްލުންތަކުން އަރައިގަންނަށް އެތައް ދުވަހެއް ހޭދަވީ ކަން ފާހަގަކޮށް ފައިސަލް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ލިބޭ ގެއްލުންތައް އިއާދަވާންވެސް އެތައް ދުވަހެއް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތަށް އަތުވެދާނެ ބަދަލުތައް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށް ބުނެފައިވެއެވެ.

އެ ވުޒާރާއިން ބުނީ، ރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާން މެދުވެރިކޮށް ކަމަށްވުމާއެކު، ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާ ގުޅިގެން އެ ވުޒާރާއިން ދަނީ ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ރިޒާވް މިވަގުތު ހިފެހެއްޓިފައިހުރީ މީގެ ކުރީން ރިޒާވް މަތިނުވާ މިންވަރެއްގައި ކަމުން، ބޭރު ދުނިޔެއިން ކުރިމަތިވާ އިގްތިސާދީ ލޮޅުންތަކުން އަރައިގަތުމަށާއި، މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށާއި، އިގްތިސާދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް ސަރުކާރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.