މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިެން، މެދު އިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަކުތަކާއި، ވައިގެ ސަރަހައްދު ބޭނުން ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި، ގުޅިގެން ކުރިމަތިވެފައިވާ ހާލަތު، ވަރަށް ގާތުން ބަލަމުންދާ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ދުނިޔޭގެ މަދަނީ ވައިގެ ދަތުރުފަތުރާއި، ފަތުރުވެރިކަމަށް މީގެ ސަބަބުން ކުރިމަތިވެދާނެ އަސަރުތައް، ހާއްސަކޮށް މެދު އިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ އިގްތިސާދާ ގުޅިފައިވާ މުހިންމު ދަތުރުތަކެއް ކަމަށެވެ. އަދި މި ބަދަލުތަކާއި ގުޅިގެން، ރާއްޖެއަށް ދަތުރުކުރާ މައިގަނޑު އެއާލައިންތަކާއި، ކަމާގުޅޭ ގައުމީ އަދި ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

އެންމެ އިސް އަމާޒަކީ، ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭމީހުންނަށް ކުރިމަތިވެދާނެދަތިތައް ކުޑަކުރުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނީ މިހާތަނަށް މެދު އިރުމަތިން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުގެ ޝެޑިއުލްތަކަށް ބަދަލު އައިސްފައިވީނަމަވެސް، އެހެނިހެން އެއާލައިންތަލުގެ ދަތުރުތައް ކުރިއަށްދަނީ ތާވަލާއެއްގޮށް ކަމަށެވެ. އަދި މި ހާލަތުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި، ދެކުނު އިރުމަތީ އޭޝިއާ، އިރުމަތީ އޭޝިއާ، އަދި އިންޑީއާގެ އުތުރު އެއާލައިންތަކުގެ ރާއްޖެއަށް ގެނައުމާ ގުޅޭގޮތުން މިނިސްޓްރީން ދަނީ އެ ފަރާތްތަކާ މަޝްވަރާ ކުރަމުން ކަމަށް ބުނެއެވެ.

ރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަރުހަބާ ކިޔާ ގައުމު ކަން ފާހަގަކޮށް އެ މިނިސްޓްރީއިން ވަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި މެހެމާންދާރީގެ އެންމެ މަތީގެ މިންގަނޑުތައް ދެމެހެއްޓުމުގައި ދެމިތިބޭނެކަމުގެ ޔަގީން ކަން ދީފައެވެ. އަދި މަސްރަހަށް އަންނަ ބަދަލުތަކާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށާއި، މި ދަންޑިވަޅުގައި ކަމާގުޅޭ ހުރިހާ ފަރާތްތަކުން ދެމެންދާ އެއްބާރުލުމަށް އެ މިނިސްޓްރީ އިން ވަނީ ޝުކުރުއަދާކޮށްފައެވެ.