ރާއްޖެއިން އުމްރާއަށްދާ މީހުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނެއްގައި ވަނީ މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން، ރާއްޖެއިން އުމްރާއަށްދާ މީހުން އަދި އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް މިހާރު ގޮސްފައިވާ މީހުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މައްކާގައި ތިބި އުމްރާވެރީންގެ ކަންކަން އެ މިނިސްޓްރީގެ ފަރާތުން ވަރަށް ގާތުން ބަލަމުންދާކަމަށާއި އުމްރާވެރީންނަށް ހާއްސަކޮށްގެން މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ހޮޓްލައިން ނަންބަރެއް އެ މިނިސްޓްރީގައި ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

ހާއްސަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރު (+966506894477) އަދި ސައުދީ އަރަބިއްޔާގެ ޖިއްދާގައި ގާއިމުކޮށްފައިވާ ރާއްޖޭގެ ކޮންސިއުލޭޓުގެ ހޮޓްލައިން ނަންބަރު (+966530838329) އަށް ވީ އެންމެ އަވަހަކަށް އެންގުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

އުމްރާ ދަތުރުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ކަމާގުޅުންހުރި ރަސްމީ ފަރާތްތަކުންނާއި ސައުދީ އަރަބިއްޔާގެ ސަރުކާރުން ފޯރުކޮށްދޭ އިރުޝާދުތަކާއި އެންގުންތަކަށް އުމްރާއަށްދާ މީހުން ސަމާލުކަން ދިނުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަހަރުގެ ރަމަޟާން މަހު އުމްރާއަށް 20 ކުންފުންޔަކުން މީހުން ގެނދާކަން ފާހަގަކޮށް، 1624 އުމްރާވެރިން ދާން ހަމަޖައްސާފައިވާކަމަށް މައުލޫމާތުދެއެވެ.