އިދިކޮޅު އެމްޑީޕީން މިދިޔަ އަހަރު މާލޭގައި ބޭއްވި ލޫޓުވާލައިފި މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި 8 މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ) އިން ނިންމައިފިއެވެ.
ޕީޖީން ބުނީ، 3 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރުކުރުމަށާއި، އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި 8 މީހަކަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށެވެ.
އެ 8 މީހުންނަކީ، ޢަބްދުއްސަލާމްއާއި، މުހައްމަދު ހަމާއިދު އަބްދުލްއަނީއާއި، އަލީ ނައުފަލްއާއި، މަޢުރޫފް ޛާކިރުއާއި، ޢާއިޝަތު ނަޖުދާ ޢަލީއާއި، ޢަލީ މުޢައްވަޒްއާއި، ފާޠިމަތު ޒަހިއްޔާ ގެ އިތުރުން ޙުސައިން ރަޝީދުއެވެ.
ޕީޖީން ބުނީ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ މިއަހަރުގެ ފެބްރުވަރީ 26 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.
މި މައްސަލާގައި އިތުރު 7 މީހަކަށް ތުހުމަތުކުރެވޭ ކަމަށާއި، ނަމަވެސް އެ މީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާ ކަމަށް ޕީޖީން ބުނެފައިވެއެވެ. އަދި ދައުވާކުރުމުގެ އާންމު މސްލަހަތު ނެތުމުން އެ މީހުންގެ ބައި ދިވެހި ފުލުހުންގެ ހިދުމަތަށް އަނބުރާ ފޮނުވާލާފައިވާނެ ކަމަށް ވެސް ޕީޖީން ބުނެއެވެ.
މީގެ އިތުރުން ޕީޖީން ބުނީ، މުޒާހަރާއާ ގުޅުންހުރި މައްސަލަތަކުގައި ދައުވާކުރުމުގައި އެ އޮފީހުން ހިފަހައްޓާ ހަމައަކީ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ހެކި، ނުވަތަ މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިދާނެ ހާލަތެއް ކުރިމަތިކުރުވާފައިވާކަމުގެ ހެކި ލިބިފައިވާނަމަ، ދައުވާކުރުމުގެ އާންމު މަސްލަހަތު އޮތްކަމަށް ބަލައި ދައުވާ ކުރުން ކަމަށެވެ.