ހުޅުމާލެއިން ގޯތި ލިބިފައިވާކަމަށް ދައްކައި ސައްހަނޫން ލިޔެކިޔުން ހަދައިގެން ހުށަހަޅާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ބައެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ( ޕީޖީ) އިން ބުނެފިއެވެ.
ޕީޖީން ބުނީ،، ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިނުވާ މީހުން ގޯތި ލިބުނު ކަމަށް ދައްކައި، ސައްހަނޫން ލިޔެކިޔުން ހަދައިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަންނަނިވި ދައުވާތައް ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މީގެތެރޭގައި 3 ބާވަތެއްގެ ދައުވާ ކުރުމަށް ހިމަނާފައިވެއެވެ.
އެގޮތުން ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދަޢުވާގައި 2 މީހެއްގެ މައްޗަށް އުފުލާފައިވާ އިރު ސައްހަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އެކަކަށް އުފުލާފައިވެއެވެ. އަދި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާގައި 9 މީހަކަށް ވަނީ ދައުވާ އުފުލާފައެވެ.
އެގޮތުން ގ. ޕޫލްބަހާރުއާގެ، އަޙްމަދު އަތީގް އަބްދުالله އާއި ނ. ވެލިދޫ، ޑޭޒީމާގެ އަހްމަދު މާޒިން އާއި ދެމީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އަދި ގުޅީ ފަޅުން ބިން ދޫކުރުމަށް ފޯމު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލި ދުވަސްވަރު، އާންމުން ހުށަހެޅި ފޯމުތަކުގެ މަސައްކަތްކުރުމުގައި އުޅެމުން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްޤުވެރިކަން އެނގޭނޭ ސައްހަނޫން ރަޖިސްޓްރީ އަދި އެއްބަސްވުން އުފައްދާފައިވާތީ އެވެ.
މީގެ އިތުރުން ޞައްޙަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ މ. ފަޅުމަތީގެ، އަރުޝަދު ޢަލީގެ މައްޗަށް ވަނީ އުފުލާފަ އެވެ. އަދި އޭނާގެ މައްޗަށް ކުރަނީ ބިންވެރިޔާ ސްކީމްގެ މަސައްކަތުގައި އުޅެމުން ދިޔަ، ނ. ވެލިދޫ، ޑޭޒީމާގެ، އަޙްމަދު މާޒިންއާ ބައިވެރިވެގެން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްގުވެރިން ކަމަށް ރަމްޒުކޮށްދޭ ސައްހަނޫން ރަޖިސްޓްރީއާއި އެއްބަސްވުތަކެއް އުފައްދާފައިވާ ކަމުގެ ދައުވާއެވެ.
އަދި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ 9 މީހުންނަކީ، ސ. ހިތަދޫ، ހަޒާރުމާގެ، މަރްޔަމް ސާޢީ، މ. ޒޭވަރު، މުޙައްމަދު ފަޟީލް ރަޝީދު، ޏ. ފުވައްމުލައް، ދޫޑިގަން، ދިލް، އީމާ ވަހީދު، ދަފްތަރު. ނަންބަރު ރސ 9044، ޢާއިޝަތު މަޢުރޫފާ، ހުޅުމާލެ. ފްލެޓް ނަންބަރު 02-ޖީ- 46، މުޙައްމަދު އާދަމް، ހއ. ދިއްދޫ، ޖަމީލާ، ޢަބްދުލްމަޖީދު މާހިރު، މ. ވެސްޓްކޯސްޓް، ޙުސައިން ޒާހިރު ޒައިނު، މ. ފަޅުމަތީގެ، އަޝްހަދު ޢަލީ ގެ އިތުރުން މ. ފަޅުމަތީގެ، އަހްމަދު އަލީ އަށެވެ.
މި 9 މީހުންގެ މައްޗަށް ކުރަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާކަން ދައްކައި، އެ ގޯތީގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ހޯދުމުގެ ގޮތުން، އެ ގޯތީގެ ސައްހަނޫން އެއްބަސްވުމާއި، ސައްހަނޫން ރަޖިސްޓްރީ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަންއަށް ހުށަހަޅާފައިވާ ކަމުގެ ދައުވާއެވެ.
ޕީޖީން އިތުރަށް ބުނީ، ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލާގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭތީ، އެ ބައިތައް ވަކި މައްސަލައެއް ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރަމުން ގެންދާ ކަމަށާއި، އެ މައްސަލައިގެ ތަހުގީގު ނިމުމުން ދައުވާކުރުމާމެދު އެ އޮފީހުން ގޮތެއް ނިންމާނެ ކަމަށެވެ.