މެދުއިރުމަތީގެ މަޝްރަހު ހޫނުވެ ވައިގެ ބޮޑު ސަރަހައްދެއް ބަންދުކުރުމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރާ އަސަރު ކުޑަކުރުމަށް މެދުއިރުމައްޗަށް ޓްރާންސިޓް ނުވާ ފްލައިޓުތަކުގެ އަދަދު އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޠާރިގު މިހެން ވިދާޅުވީ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ގާތްގަނޑަކަށް 35 އިންސައްތައަކީ މެދުއިރުމަތީގެ މަގުން ދަތުރުކުރާ މީހުން ކަމަށެވެ.

އެގޮތުން މި ހާލަތުގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މެދުއިރުމަތީގެ މަސްރަޙަށް އަންނަ ބަދަލުތަކާއެކު ރާއްޖެ އައުމަށް ފަތުރުވެރިން އެހެން ގޮތްތައްވެސް ބަލާނެ ކަމަށާއި ރާއްޖެއިން އަވަސް ފިޔަވަޅުތަކެއް އަޅައި، މިކަމުން ލިބޭނެ ގެއްލުން ކުޑަ ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ތާރިގު ވިދާޅުވިއެވެ.

"މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް މެދުއިރުމަތިން އަންނަ މަތިންދާ ބޯޓުތަކުގެ މިދެންނެވި ކަނެކްޓިވިޓީ ގޯސްވެގެން މި އުޅެނީ. އެހެންވީމަ އަޅުގަނޑުމެން ހަމަ މިހާރުން މިހާރަށްވެސް އެބަ ވިސްނަން ކޮބައިތޯ ދެން އޭޝިއަން. މި ދެންނެވީ އޭޝިއާ ސައިޑުން އަންނަން ހުންނަ ލިބެންހުރި އިތުރު މާކެޓްތަކަކީ ކޮބައިތޯ ބަލާ އެ މާކެޓްތަކަށްވެސް ފޯކަސްކުރަން." ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޔޫރަޕް އަދި އެހެން މަންޒިލްތަކުން ސީދާ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މެދުއިރުމަތީގައި ޓްރާންސިޓް ނުކުރާ ފްލައިޓުތައް ފްރީކުއެންސީ އިތުރުކުރަން ބަލަމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މެދުއިރުމަތީގެ ހާލަތު ގޯސްވުމުން އެސަރަޙައްދުން ދަތުރުކުރާ ގިނަ އަދަދެއްގެ ފްލައިޓު ކެންސަލްކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގެ އެއާޕޯޓުގައި ތާށިވެފައިވާތީ ސަރުކާރުން ދަނީ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.