ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ އެ ތަކެތި އަތުލައިގެންފައިވަނީ 27 ފެބުރުވަރީ 2026 ގައި ކަމަށެވެ.

އެގޮތުން އެ ތަކެތި ފެނިފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބަލައިފާސްކުރި ފަސިންޖަރެއްގެ އަތުންކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.

އަދި އެ ތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.

ކަސްޓަމްސް ބުނީ މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.2 ކިލޯގްރާމް (2240 ގްރާމް) ހުރި ކަމަށެވެ.

އަދި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 2.2 މިލިޔަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.

ކަސްޓަމްސް އިން ބުނީ މި މައްސަލައާ ގުޅިގެން ކުރަންޖެހޭ އިތުރު ތަހުގީގުތައް ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންގެ އިދާރާއާ ހަވާލުކޮށްފައި ކަމަށެވެ.