ކ. މާފުށްޓާއި އެ ރަށުން އަލަށް ހިއްކާފައިވާ ސަރަޙައްދު ގުޅުވާލަދޭ ކޯޒްވޭގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

އެކަމަށްޓަކާ މިއަދު މާފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެމްބަރު ހުސައިން ރިޒާ އާދަމާއި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދުގެ އިތުރުން އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޖަމްޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މަޝްރޫޢުގެ ދަށުން މާފުށްޓާއި އެ ރަށުގެ ހިއްކާފައިވާ ސަރަޙައްދު ގުޅާލުމަށް 137 މީޓަރުގެ ކޯޒްވޭއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ ޖުމްލަ 35.42 މިލިޔަން ރުފިޔާއަށް، 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ކ. މާފުށި ފަޅުން 25 ހެކްޓަރުގެ ބިން ހިއްކާފަވަނީ 2021ވަނަ އަހަރުއެވެ. ބިން ހިއްކާފަވަނީ ރަށުގެ ފަޅުތެރެއިން ވަކި ބިމެއްގެ ގޮތުގައެވެ. މާފުއްޓާއި ހިއްކި ސަރަޙައްދު ގުޅާލުމަށް ހަމަޖެހިފަވަނީ ދަށުން އޮއި ދެމޭގޮތަށް ހަދާ ބްރިޖަކުންނެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓުހައުސް ވިޔަފާރި ހިންގާ މާފުށީގައި މި ކޯޒްވޭ އެޅުމުން، ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.