ސަރުކާރުން އިއުލާނުކުރި ބޯހިޔާވަހިކަމުގެ ސްކީމާއިއެކު ސްކޭމްގެ ގިނަ ލިންކުތަކެއް ދައުރުކުރަމުންދާތީ ސަމާލުވާން ފުލުހުން އެދިއްޖެއެވެ.

ފުލުހުންގެ ހިދުމަތުގެ އެކްސް އެކައުންޓްގައި އާންމުކުރި ވީޑިއޯއެއްގައި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ސީނިއާ ސާޖެންޓް އަބްދުلله ޝަހުނީޒް ވަނީ، ހައުސިން ސްކީމްތަކަށް ހުޅުވާލާއިރު، ލިންކުތަކާއި ކޯލްތައް މެދުވެރިކޮށް އޯޓީޕީ ހޯދުމާއި ޒާތީ މައުލޫމާތު ހޯދުމަށް ފޮނުވާ ލިންކުތައް އާންމުވެގެންދާކަން ހާމަކޮށްފައެވެ.

"މީގަ ވިސްނަވަންވީ ކަމަކީ ލިންކުތަކަށް ނުފިއްތެވުން، ސަރުކާރުން އިއުލާނުކޮށްފައިވާ ގޮތަށް ގެޒެޓުން އެބަ ފެންނަން އެބަހުރި ވަންނަންޖެހޭ ޕޯޓަލް. އީފާސް މެދުވެރިކޮށް ވަންނަން މި ޖެހެނީ." ޝަހުނީޒު ވިދާޅުވިއެވެ.

ޝަހުނީޒު ވިދާޅުވީ ލިންކަށް ފިއްތައި ޒާތީ މައުލޫމާތު ދޭން ނުޖެހޭނެ ކަމަށެވެ.

ފުލުހުން ވަނީ ސްކޭމްގެ މައްސަލައެއް ދިމާވެއްޖެނަމަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ނަންބަރު 125 އަށް ގުޅައި އެކްސްޓެންޝަން ނަންބަރު 2020އަށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ސްކޭމް މައްސަލަތައް ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، އާންމުން އެކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ފުލުހުން ދަނީ އިލްތިމާސް ކުރަމުންނެވެ.