އެސްޓީއޯ ހެލްތުކެއާގެ ފަރާތުން ހުޅުމާލެ ހޮސްޕިޓަލަށް ހިތުގެ ބަލިތައް ދެނެގަންނަ އެންމެ ޒަމާނީ އިމޭޖިންގް ޓެކްނޮލޮޖީ ތައާރަފުކޮށްފިއެވެ.

ެެއެސްޓީއޯ ހެލްތުކެއާ އިން މިއަދު ބުނީ އެސްޓީއޯ ހެލްތުކެއާގެ ފަރާތުން ސިއްހީ ހިދުމަތްދޭ ތަންތަނުގައި ޒަމާނީ ޑައިގްނޯސްޓިކް އިކުއިޕްމަންޓް ފޯރުކޮށްދީ، ޚާއްސަ ބަލިތަކަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެންމެ ފަހުގެ ކާޑިއޯވަސްކިއުލަރ އަލްޓްރާސައުންޑް ސިސްޓަމެއް ހުޅުމާލޭ ހޮސްޕިޓަލަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން ޖީ.އީ ހެލްތްކެއަރ ބްރޭންޑުގެ ވިވިޑް E95 ކާޑިއޯވަސްކިއުލަރ އަލްޓްރާސައުންޑް ސިސްޓަމް ތަޢާރަފުކުރެވިގެން ދިޔައީ، 22 ފެބްރުއަރީ 2026 ގައި ހުޅުމާލެ ހޮސްޕިޓަލުގައި ކުރިއަށް ދިޔަ އެޕްލިކޭޝަން ޓްރެއިނިންގ ސެޝަނަކާއި އެއްކޮށް ކަމަށް އެސްޓީއޯ ހެލްތުކެއާ އިން ބުނެފައި ވެއެވެ.

މި ސެޝަނުގައި ހުޅުމާލެ ހޮސްޕިޓަލުގެ ސިއްޙީ މާހިރުންގެ އިތުރުން، ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަންދޫބުން ވެސް ބައިވެރިވެފައިވެއެވެ.

މިއީ ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތެރޭގައި ކާޑިއެކް އިމޭޖިންގ ޚިދުމަތްތައް ތަރައްޤީކުރުމަށް ގުޅިގެން ކުރެވޭ މަސައްކަތެއް ކަމަށް އެސްޓީއޯ ހެލްތު ކެއާ އިން ބުނެފައި ވެއެވެ.

މި ސިސްޓަމަކީ މެޑިކަލް އިމޭޖިންގ އަދި ހެލްތުކެއާ ޓެކްނޮލޮޖީގައި ދުނިޔޭގެ ކުރިއަރާފައިވާ ކުންފުންޏެއް ކަމަށްވާ ޖީ.އީ ހެލްތުކެއާ އާއި އެސްޓީއޯ ހެލްތުކެއާގެ ޕާޓްނަރޝިޕްގެ ދަށުން ފޯރުކޮށްދެވުނު ސިސްޓަމެއް ކަމަށް އެސްޓީއޯ ހެލްތު ކެއާ އިން ބުނެފައި ވެއެވެ.

އެސްޓީއޯ ހެލްތު ކެއާ އިން ބުނީ ޖީ.އީ ވިވިޑް E95އަކީ ހިތުގެ ބައިތަކާއި، މަސައްކަތްކުރާ ގޮތް، އަދި ލޭ ދައުރުވާ ގޮތް ވަރަށް ސާފުކޮށް ބަލާލެވޭނެހެން ފަރުމާކޮށްފައިވާ ހައި-ރިޒޮލިއުޝަން ކާޑިއެކް އިމޭޖިންގ ސިސްޓަމެއް ކަމަށެވެ.

މި ސިސްޓަމުގައި ބޮޑެތި މީހުންނާއި، ކުޑަކުދިން އަދި އަލަށް އުފަންވާ ކުދިންނަށް ބޭނުންކުރެވޭނެ ޕްރޯބްތައް ހިމެނެއެވެ.

އެސްޓީއޯ ހެލްތު ކެއާ އިން ބުނީ މީގެ ސަބަބުން އަލަށް އުފަންވާ ކުދިންގެ ހިތުގެ އައިބުތައް ދެނެގަތުމަށާއި، ހުރިހާ އުމުރުފުރައެއްގެ ބަލިމީހުންގެ ހިތުގެ ޓެސްޓުތައް ހެދުމަށް މަގުފަހިވެގެންދިއުމާއި، ފަރުވާގެ ކަންކަމުގައި އަވަސް ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެ ކަމަށެވެ. މީގެއިތުރުން ރާއްޖޭގައި މިފަދަ ޙާއްސަ ޚިދުމަތްތައް ލިބެން ހުރުމަކީ މުޢައްސަސާތަކުގެ ގާބިލުކަން އިތުރުވެ، ބޭރުގެ އެހީތެރިކަމަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދާނެ ކަމެއްކަމުގައި އެސްޓީއޯ ހެލްތުކެއާ އިން ގަބޫލުކުރެއެވެ.

އެސްޓީއޯ ހެލްތުކެއާގެ ފަރާތުން މެޝިން ފޯރުކޮށްދިނުމުގެ އިތުރުން، އިންސްޓޯލްކުރުމާއި، އެޕްލިކޭޝަން ޓްރެއިނިންގ ދިނުމާއި މެދުނުކެނޑި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން ވޮރެންޓީއަދި އާފްޓަރ-ސޭލްސް ސާވިސް ސަޕޯޓް ތަމްރީނު ލިބިފައިވާ އެސްޓީއޯގެ ބަޔޯމެޑިކަލް އިންޖިނިއަރުން، ކްލިނިކަލް އެޕްލިކޭޝަން ސްޕެޝަލިސްޓުން ފޯރުކޮށްދެނީ ކަމުގެ ފަންނީ މާހިރުންނާއި ގުޅިގެންނެވެ.

މީގެ މަޤުސަދަކީ ސިއްޙީ ޚިދުމަތްތެރިންނަށް މި ސިސްޓަމް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން އެނގޭނެކަން ކަށަވަރުކުރުމެވެ.

އަދި މި ތަކެތި ގިނަ ދުވަހު ބޭނުންކުރެވޭނެކަމާއި އޮޕަރޭޝަނަލް ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ޖީ.އީ ވިވިޑް E95 ސިސްޓަމް ޤާއިމުކޮށް ޚިދުމަތްދޭން ފެށުމަކީ، ރާއްޖޭގެ ޑައިގްނޯސްޓިކް ހިދުމަތްތައް ތަރައްގީކޮށް، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް އެސްޓީއޯ ހެލްތުކެއާއި ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ގުޅިގެންކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށްވެސް އެސްޓީއޯ ހެލްތުކެއާ އިން ބުނެފައި ވެއެވެ.

އަދި މިއީ ކާޑިއެކް، ޕީޑިއަޓްރިކް، ނިއޯނޭޓަލް ޑައިގްނޯސްޓިކް ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށްވެސް އެސްޓީއޯ ހެލްތު ކެއާ އިން ބުނެފައި ވެއެވެ.