މި ރަމަޟާން މަހުގެ ފުރަތަމަ ހަފުތާގައި 1.3 މިލިޔަން ރުފިޔާ ފިޠުުރު ޒަކާތުގެ ގޮތުގައި ލިބެއްޖެއެވެ.
މިކަންހާމަކޮށްފައި ވަނީ މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ކުރި ޕޯސްޓެއްގައެވެ.
ޒަކާތު ހައުސްއިން ކުރި ޕޯސްޓުގައި ބުނީ ރަމަޟާން މަހުގެ ފުރަތަމަ 7 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި 1،374،481 ރުފިޔާ ލިބިފައިވާ ކަމަށެވެ.
މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފައެވެ.
އެގޮތުން ޖުމްލަ 7 އޮންލައިން ޕްލެޓްފޯމަކުން މި އަހަރުގެ ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
މި ފަހަރު އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކޭނެ 7 ޕްލެޓްފޯމަކީ ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ ވެބްސައިޓް، އުރީދޫ އެމް ފައިސާ މޯބައިލް އެޕް، މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް، ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް، ފަހިޕޭ މޯބައިލް އެޕް،އަވަސް މޯބައިލް އެޕް އަދި ބަނޑޭރި ޕޭ ވެބްސައިޓް އެވެ.
މީގެ ތެރެއިން ބަނޑޭރިޕޭއާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 06:00އާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެއެވެ.
މި ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ޢަދަދުތަކަކީ:
އާދައިގެ ހަނޑޫ: 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
- ރަތް ހަނޑޫ: 96 ރުފިޔާ
- ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
- ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
- އާދައިގެ ފުށް: 10 ރުފިޔާ
- އާޓާ ފުށް: 75 ރުފިޔާ