ފޯޅަވަހި ނުވަތަ ޗާގޯސް ލިބުން އެންމެ ޙައްޤުކަން ބޮޑީ ދިވެހިރާއްޖެޔަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ޗާގޯސްއަކީ ދިވެހިންނާ ގުޅުންހުރި ތަނެއްކަމުގެ ތާރީޚީ ހެކިތައް ފެންނަން އެބަހުރި ކަމަށެވެ.
އެގޮތުން އޭގެ ހެއްކެއްގެ ގޮތުގައި ރައީސް ވިދާޅުވީ، ފޯޅަވަހީގެ ޗާޓަކާ އެކު 9 ވަނަ ޙަސަން ރަސްގެފާނު 16 ވަނަ ޤަރުނުގައި ލިޔުއްވާފައިވާ ސިޓިފުޅެއް އެބައޮތްކަމަށެވެ.
އެހެންކަމުން ޗާގޯސް ލިބުން ހައްގުވެރި ޤައުމަކާ އެތަން ހަވާލުކުރާނަމަ، އެޤައުމު ލިބެން ޖެހޭނީ ދިވެހިރާއްޖެޔަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، މިހާރު ޗާގޯސް އޮތްގޮތައް އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުގައި އޮތުން ފިޔަވައި، ދުނިޔޭގެ އެއްވެސް ޤައުމަކާ ޗާގޯސް ޙަވާލު ކުރާނަމަ، އެތަން އެންމެ ހައްގުކަން ބޮޑީ ދިވެހިރާއްޖެއަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޗާގޯސް ދިވެހިރާއްޖެޔަށް ހޯދުމަށްޓަކައި ދެސިޓީއެއް ފޮނުއްވާފައި ކަމަށާ، އަދި އިނގިރޭސި ބޮޑުވަޒީރާއެކު ފޯނުން މަޝްވަރާ ތަކެއް ކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި އޭގެ ޑޮކިޔުމެންޓޭޝަން ތައްޔާރުކޮށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ޗާގޯސްގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރިޝަސްގެ ކުރީގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖުގްނައުތަށް 22 އޯގަސްޓް 2022 ގައި ފޮނުއްވި ސިޓީފުޅު އަނބުރާ ގެނައުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސް މުޢިއްޒު ވަނީ ރަސްމީކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައެވެ.