އެމެރިކާ ސިފައިންގެ އެފް-15 ގެ ތިން ޖެޓު ވެއްޓުނީ ކުވައިތުގެ އެއަރ ޑިފެންސަށް އޮޅިގެން ދެވުނު ހަމަލާއެއްގައި ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފިއެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތަކާއެކު އީރާނުން އަންނަނީ މެދު އިރުމަތީގައި އެމެރިކާގެ އަސްކަރީ ބޭސްތައް ހުންނަ ގައުމުތަކަށް ހަމަލާދެމުންނެވެ. އޭގެތެރޭގައި ކުވައިތުވެސް ހިމެނެއެވެ. މި ޖެޓް ވެއްޓުނީ، ހަމަލާދޭން އަންނަ ޖެޓެއް ކަމަށް ބެލެވި ކުވައިތުގެ އެއާ ޑިފެންސް ސިސްޓަމުން ހަމަލާ ދެވިގެން ކަމަށް ކުރިންވެސް ވަނީ ބެލެވިފައެވެ.

އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި ޖެޓްގެ ދެ ޕައިލެޓް ވަނީ އެ ވެއްޓުމުގެ ކުރިން، އިޖެކްޓުކޮށް، ސަލާމަތްވެފައެވެ. ޖެޓް ވެއްޓުމާ އެކު އެ ސަރަހައްދަށް އިމަޖެންސީ ޓީމުތައް ގޮސް މުޅި ސަރަހައްދު ބަލަހައްޓަން ފަށައި ޕައިލެޓަށް އެހީވާން ފަށާފައިވާ ކަމަށް ކުވައިތުން ވަނީ ބުނެފައެވެ.

ވެއްޓުނު އެފް-15 ސްޓްރައިކް އީގަލް އަކީ ވައިގެ ސުޕީރިއަރިޓީ އާއި ސްޓްރައިކް މިޝަންތަކަށް ބޭނުންކުރާ ޒަމާނީ ފައިޓަ ޖެޓެކެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ ޖެޓްތަކުގައި ތިބި 6 ކްރޫ މެމްބަރުންވެސް ވަނީ ސަލާމަތްވެފައެވެ. އަދި އެމީހުންގެ ހާލު ރަނގަޅުކަމަށް ވަނީ ބުނެފައެވެ. މިހާދިސާ ހިނގިކަން ކުވައިތުން އަންގާފައިވާކަމަށާއި މިއޮޕަރޭޝަން ކުރިޔަށްގެންދިޔުމުގައި ކުވައިތުން ދިން އެއްބާރުލުން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

މިކަން ހިނގާދިޔަ ގޮތް ތަހުގީގުކުރަމުންދާކަމަށްވެސް އެމެރިކާއިން ބުނެއެވެ.