އުމަރާވެރިންނަށް ހާއްސަ ހޮޓްލައިންއެއް ގާއިމުކޮށްފި އެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެއިން އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރާ މީހުންނާއި، އުމްރާގެ އަޅުކަން އަދާކުރުމަށް މިހާރު މައްކާގައި ތިބި މީހުންނަށް ހައްސަ ހޮޓްލައިންއެއް ގާއިމުކޮށްފައިވާކަމަށެވެ.
އެގޮތުން އެމީހުންނަށް ދިމާވާ ހާއްސަ ހާލަތްތަކާ ގުޅިގެން މައުލޫމާތު ހިއްސާކުރުމާއި، މައުލޫމާތު ހޯދުމަށް އެ ހޮޓްލައިންނަށް ގުޅޭނެ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ. އަދި ހޮޓްލައިން ނަމްބަރަކީ 3007070 ނުވަތަ ރާއްޖެއިން ބޭރުން ގުޅާނަމަ 3007070(960)+ ކަމަށް މައުލޫމާތުދެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މައްކާގައި ތިބި އުމްރާވެރީންގެ ކަންކަން އެ މިނިސްޓްރީގެ ފަރާތުން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި އުމްރާ ދަތުރުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ކަމާގުޅުންހުރި ރަސްމީ ފަރާތްތަކުންނާއި ސައުދީ އަރަބިއްޔާގެ ސަރުކާރުން ފޯރުކޮށްދޭ އިރުޝާދުތަކާއި އެންގުންތަކަށް އުމްރާއަށްދާ މީހުން ސަމާލުކަން ދިނުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަހަރުގެ ރަމަޟާން މަހު އުމްރާއަށް 20 ކުންފުންޔަކުން މީހުން ގެނދާކަން ފާހަގަކޮށް، 1624 އުމްރާވެރިން ދާން ހަމަޖައްސާފައިވާކަމަށް މައުލޫމާތުދެއެވެ.