ކުދިކުދި އާބާދީތަކުގެ ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރާނެ އިދާރީ މުވައްޒަފުން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކްލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މުވައްޒަފުން އިސްތިއުފާދިނުމުން ރަކީދޫ ކައުންސިލް ފަޅަށް، ރައްޔިތުން ނިކުމެ ކައުންސިލް އިދާރާ ބަންދުކުރުމާ ގުޅިގެން ޝަރީފް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަތުރުވެރިކަމާއި އެނޫންވެސް އިގުތިސާދީ ފުރުސަތުތައް ފަހިވެފައިވާ ކުދިކުދި އާބާދީތަކުގެ ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރާނެ އިދާރީ މުވައްޒަފުން ނުލިބުމުގެ މައްސަލަ އަންނަނީ އިތުރުވަމުން ކަމަށެވެ.
އެގޮތުން އެ މައްސަލަ ހައްލު ކުރުމަށް ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އާބާދީގެ ގޮތުން އެންމެ ކުޑަ އެއް ރަށް ކަމަށްވާ ވ. ރަކީދޫ ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި ދެ ކައުންސިލް މެންބަރަކު އިސްތިއުފާ ދިނުމާ ގުޅިގެން، ރަކީދޫ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ލިބެމުން ނުދާތީ، އެ ރަށު ރައްޔިތުން ނިކުމެ ކައުންސިލް އިދާރާ ވަނީ ބަންދުކޮށްފައެވެ.
ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ އެކްސްގައި ގައި ހިއްސާކުރެއްވި ޕޯސްޓުގައިވާ ގޮތުން، ރަކީދޫ ކައުންސިލުން ދޭންޖެހޭ އިދާރީ ހިދުމަތްތައް ލިބެމުން ނުދަނީ، އެ ކައުންސިލުގެ އިދާރީ މުވައްޒަފުން އިސްތިއުފާދިނުމާ ގުޅިގެންނެވެ.
މީގެ އިތުރުން އިދާރީ ތިން މުވައްޒަފެއްގެ އިތުރުން، ރަކީދޫގެ ދެ ކައުންސިލަރަކުވެސް އިސްތިއުފާދެއްވާފައިވާ ކަން ފާހަގަކުރައްވާ ރަޝީދު ވިދާޅުވީ، ކައުންސިލަށް އިދާރީ މުވައްޒަފުން ހޯދަން މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، މުވައްޒަފުން ބޭނުންވާކަން ސިވިލް ސާވިސް ކޮމިޝަނަށާއި ކައުންސިލުތަކުގެ ބެލެނިވެރި އިދާރާ ލޯކަލް ގަވަމަންޓް އޮތޯރިޓީ އަށްވެސް އެކަން އަންގާފައިވާނެ ކަމަށެވެ.
ނަމަވެސް ކައުންސިލްތަކުގެ ދައުރު ނިމެން އަހަރެއް ވުމުން، ލޯކަލް ގަވަމަންޓް އޮތޯރިޓީއާއި ފިނޭންސް މިނިސްޓްރީގެ ހުއްދަލިބިގެން ނޫނީ ކައުންސިލުތަކަށް މުވައްޒަފުން ނުނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން އިދާރީ މުވައްޒަފުން ނެގުން އޮތީ ހުއްޓިފައިކަން އޭނާ ފާހަގަކުރެއްވިއެވެ.