"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގައި ހާއްސަ އިސްކަންދޭ ކެޓަގަރީގައި، އިދާރާތަކާއި މުއައްސަސާތަކުގެ ބައިން ފްލެޓަށް ކުރިމަތިލުމުގެ ޝަރުތުގެ ގޮތުގައި ކަނޑައަޅާފައިވާ 5 އަހަރުގެ މުއްދަތު 1 އަހަރަށް މަދުކޮށްފިއެވެ.

މި ބަދަލު ގެނެސް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިހާރު ވަނީ ގެޒެޓުކޮށްފައެވެ. އަދި ހާއްސަ ކެޓަގަރީގައި އިދާރާތައް އަދި މުއައްސަސާތަކުގެ ބައިން މައިގަނޑު 3 ބަދަލެއް އުސޫލަށް ވަނީ ގެނެސްފައެވެ.

އެގޮތުން ގެނެސްފައިވަ ބަދަލުތަކަށް ބަލާލާއިރު، ވަޒީފާގެ މުއްދަތަށް ގެނެވުނު ބަދަލާއި، އިތުރު އިދާރާއެއް ލިސްޓުގައި ހިމެނުން އަދި ފުލެޓު ލިބުމަށްފަހު ހިދުމަތްކުރުމަށް އެއްބަސްވާ މުއްދަތު ހިމެނެއެވެ.

މީގެ ތެރެއިން ވަޒީފާގެ މުއްދަތަށް ގެނެވުނު ބަދަލު ތަކުގައި ކުރިން އޮންނަ ގޮތުން ހާއްސަ ކެޓަގަރީއަށް ޝަރުތު ހަމަވުމަށްޓަކައި، އެ އިދާރާއެއްގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތް ކޮށްފައިވާން ޖެހެއެވެ. ނަމަވެސް މިހާރުވަނީ މި މުއްދަތު 1 އަހަރު ދުވަހަށް ކުރުކޮށްފައެވެ. އެގޮތުން، ހާއްސަ އިސްކަންދެވޭ އިދާރާއެއްގައި މެދުނުކެނޑި ވޭތުވެދިޔަ 1 އަހަރު ފުލް-ޓައިމް ވަޒީފާ އަދާކޮށްފައިވާ ފަރާތްތަކަށް މިހާރު އެކެޓަގަރީން ފުލެޓަށް ކުރިމަތިލެވޭނެއެވެ.

ފުލެޓު ލިބުމަށްފަހު ޚިދުމަތްކުރުމަށް އެއްބަސްވާ މުއްދަތަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ކުރިން އުސޫލުގައި އޮތްގޮތުން ނަމަ، ފުލެޓު ލިބޭ ފަރާތްތަކުން އެ އިދާރާއެއްގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތްކުރުމަށް އިގުރާރުވާން ޖެހެއެވެ. އުސޫލަށް ބަދަލު ގެނެސްފައިވަނީ ބޯހިޔާވަހިކަން ހަވާލުކުރާ ތާރީހުން ފެށިގެން، އެ އިދާރާއަކުން ނުވަތަ މުއައްސަސާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން ވަޒީފާ އަދާކުރުމަށް އެއްބަސްވާން ޖެހޭގޮތަށެވެ.

ހަމަ މިއާއެކު އިތުރު އިދާރާއެއް ލިސްޓުގައި ހިމަނާފައިވީ އިރު އެއީ ހާއްސަ އިސްކަންދެވޭ އިދާރާތަކުގެ ލިސްޓަށް (ކެޓަގަރީ 6 ގެ ދަށުން) އިތުރުކޮށްފައިވާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (CMDA) އެވެ.

ސަރުކާރުގެ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި 7900 ފްލެޓް ދޫކުރުމަށް ވަނީ ހުޅުވާލާފައެވެ. މީގެތެރެއިން މުއައްސަސާތަކާއި އިދާރާތައް ހިމެނޭ، ހާއްސަ އިސްކަންދޭ ކެޓަގަރީއަށް 2400 ފްލެޓު ވަނީ ކަނޑައަޅާފައެވެ.

އިދާރާތަކާއި މުއައްސަސާތައް ހިމެނޭހެން ޖުމުލަ 29 ތަނެއް މި ބައިގައި ހިމެނެއެވެ. އަދި ސިވިލް ސާވަންޓުގެ ހާއްސަ ކެޓަގަރީވެސް ހިމެނެއެވެ.