މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީން ދޫކުރަމުން ދިޔަ ދިރޭ މަސް ބޭރު ކުރުމުގެ ހުއްދަ އަދި ދިރޭ މަސް ޝިޕްމެންޓަށް ދޫކުރާ އިންޓަނޭޝަންލް ވެޓެރިނަރީ ހެލްތް ސެޓިފިކެޓް ދޫކުރަމުން ގެންދަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ކަމަށް އެ ވުޒާރާ އިން ބުނެފިއެވެ.

ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނީ އެ ވުޒާރާގެ އޮންލައިން ޕޯޓަލް (aos.egov.mv) މެދުވެރިކޮށް ބޭރު ކުރުމަށް ހުއްދައަށް އެދެވޭނެ ކަމަށެވެ.

ހުއްދައަށް އެދުމުގެ ކުރިން ނުވަތަ ހުއްދައަށް އެދޭ އިރު ސަމާލުކަންދޭންވީ ކަންކަމަށް ބަލާލާއިރު، އަލަށް ހުއްދައަށް އެދޭކުންފުންޏެއް ކަމުގައި ވަނީނަމަ، އެ ކުންފުންޏަކާއި ހުއްދައަށް އެދޭ ފަރާތުގެ އީފާސް ލިންކް ކުރެމަށް، ކުންފުނީގެ ރަޖިސްޓަރީއާއި، ހުއްދައަށް އެދޭ ފަރާތުގެ އައިޑީ ކާޑު ކޮޕީ އެވުޒާރާއަށް މެއިލްކުރުމުގެ އިތުރަށް ހުއްދައަށް އެދޭ އިރު އެކްސްޕޯޓްކުރެވޭނެކަމަށް ލަފާކުރެވޭނެ ބާވަތްތަކާއި އަދަދު ހިމެނުން އަދި އެކްސްޕޯޓް ހުއްދަ ދޫކުރެވޭނީ 2-3 ރަސްމީ ދުވަސްތެރޭގައި ކަމަށް ވުމުން، ދުރާލާ އެކްސްޕޯޓް ހުއްދައަށް އެދުން ހިމެނެއެވެ.

ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނީ އިންޓަނޭޝަނަލް ވެޓެރިނަރީ ހެލްތް ސަރޓިފިކެޓް ދޫކުރެވޭނީ އެވުޒާރާގެ ވެޓެރިނޭރިއަން އެއް އެއާޕޯޓަށް ހާޒިރުވެ، ޝިޕްމެންޓް އިންސްޕެކްޓް ކުރުމަށްފަހުގައިކަމަށެވެ. އެހެންކަމުން، ޝިޕްމެންޓް ތައްޔާރުކުރުމުގެ މަދުވެގެން 6 ގަޑިއިރު ކުރިން އެވުޒާރާއަށް އަންގަންވާނެކަމަށާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝިޕްމެންޓް ގެންދެވޭނެ ކަމަށް ލަފާކުރެވޭ ވަގުތު މެއިލްއަކުން އަންގަންވާނެކަމަށް ވަނީ ބުނެފައެވެ.

އެ ވުޒާރާއިން ބުނީ ދުރާލާ އެކްސްޕޯޓް ހުއްދަ ނެގުމާއި، ޝިޕްމެންޓް ނޮޓިފިކޭޝަން ފޮނުވުމަކީ އެވުޒާރާގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ. ނަމަވެސް، ދުރާލާ އެކްސްޕޯޓް ހުއްދަ ނުހޯދާ ނުވަތަ ޝިޕްމެންޓް ނޮޓިފިކޭޝަން ނުފޮނުވާ ޝިޕްމެންޓްތަކަށް އިންޓަނޭޝަނަލް ވެޓެރިނަރީ ހެލްތް ސެޓިފިކެޓް ދޫކުރުމުގައި ދަތިތަކެއް ކުރިމަތިވާނެކަމާއި މިފަދަ ހާލަތުގައި ބަލާފާސްކުރުން ލަސްވުމުގެ ސަބަބުން އެކްސްޕޯޓްކުރާ ޝިޕްމެންޓްތަކަށް ލިބޭ ގެއްލުމުގެ ޒިންމާ އެވުޒާރާއިން ނުނަގާނެ ކަމަށްވެސް ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ދަށުން ކުރަމުންދިޔަ ދިރޭ މަސް ބޭރުކުރުމުގެ އެންމެހާ ކަންތައްތައް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ދަށަށް ބަދަލު ކުރުމުން ރާއްޖެއިން ދިރޭ މަސް ބޭރުކުރުމުގެ ހުއްދަ އަދި ދިރޭ މަސް ޝިޕްމެންޓަށް ދޫކުރާ އިންޓަނޭޝަންލް ވެޓެރިނަރީ ހެލްތް ސެޓިފިކެޓް ދޫކުރަމުން ގެންދަނީ އެ ވުޒާރާއިންނެވެ.