ސ. ހިތަދޫ، ކޮންމުލި، ޢަލީ ނަދީމްއާއި، އިތުރު ބަޔަކު ބައިވެރިގެން އައްޑޫ ސިޓީގައި ފުޅާ ދާއިރާއަކަށް މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް، އެކަމުން ހޯދާ ފައިސާ ލޯންޑަރކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާއާއި އިތުރު ހަމީހެއްގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް މިހާތަނަށް ހެކި ނުލިބޭތީ އެ މީހުން ދޫކޮށްލަން ޕީޖީ އޮފީހުން ފުލުހުންނަށް ލަފާދީފިއެވެ.
ޕީޖީ އޮފީހުން މިގޮތަށް ލަފާދީފައި ވަނީ ރޭ ނެރުނު ބަޔާނެއްގައެވެ.
އެ މައްސަލައިގައި ޢަލީ ނަދީމްގެ އިތުރުން ހައްޔަރުކުރީ:
1. ސ. ހިތަދޫ، ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖް
2. ސ. ހިތަދޫ، ދޮރުފޮތިމާގެ، ޙަސަން އަލްފާފު
3. ސ. ހިތަދޫ، ކެކުރިމާގެ، އަމީން މުޙައްމަދު
4. ސ. ހިތަދޫ، ލޮބްސްޓަމް، ސަލާމް ސަޢީދު
5. ސ. ހިތަދޫ، ފަލާޙް، ޙާފިޘް ފައުޒީ
6. ދ. ހުޅުދެލި، ޢަންބަރީގެ، ޒަޙްނާ އަޙްމަދު
މި މައްސަލާގައި އެ މީހުންގެ މައްޗަށް ކުރެވެނީ މައިގަނޑު 2 ތުހުމަތެކެވެ. އެއީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 720 ވަނަ މާއްދާގެ ދަށުން، ކުށް ކުރާ ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށާއި ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގެ ކުށެވެ.
އެގޮތުން ޕީޖީ އޮފީހުން ބުނީ، އެ ހަތް މީހުންގެ މައްސަލަ ތަހުގީގު ކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވުމާ ހަމައަށް ލިބިފައިވާ ހެއްކާއި ގަރީނާ ވަޒަންކޮށް ބެލިއިރު، ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވިކަން ނުވަތަ މަނީލޯންޑަ ކުރިކަން ގާނޫނުގައި ބުނާ މިންގަނޑަށް ސާބިތު ކޮށްދެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާ ކަމަށެވެ.
އެހެންކަމުން މި މައްސަލައިގެ ތަހުގީގުގެ މުއްދަތު ގާނޫނު ތަންދޭ އެންމެ ދިގު މުއްދަތާ ހަމައަށް އެކި ފަހަރުމަތިން އިތުރު ކޮށްދީފައިވާކަން ހާމަކޮށް ޕީޖީ އޮފީހުން ބުނީ އެ މުއްދަތުގެ ތެރޭގައި ތަހުގީގު އެކަށީގެންވާ ވަރަށް ފުރިހަމަ ކުރެވި، ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހޯދިފައި ނުވާކަމަށެވެ.
އެހެންކަމުން، މި ނިންމުމާއެކު މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ބަންދުގައި ތިބި މީހުން ބަންދުން ދޫކޮށްލުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލަފާދީފައިވާނެ ކަމަށް ޕީޖީން ބުނެފައި ވެއެވެ.
ޕީޖީން ބުނީ މި މައްސަލާގައި ދަޢުވާކުރެވޭ މިންވަރަށް މިވަގުތަށް ހެއްކާއި ޤަރީނާ ލިބިފައި ނުވާތީ މައްސަލަ ޑިކްލައިންކުރިނަމަވެސް، އައު ހެކި ލިބިއްޖެ ޙާލަތެއްގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ވ) ގެ ދަށުން އަލުން ދަޢުވާކުރުމަށް އެދި ހުށަހެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލަފާދީފައިވާނެ ކަމަށެވެ.