ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ބިމާއި ފްލެޓު ލިބޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ނަގަމުންދާކަމުގެ މައުލޫމާތު ލިބެމުން އަންނަކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއްގައި ވެސް ގޯއްޗާއި ފްލެޓު ދިނުމުގެ މަސައްކަތް ކުރަނީ ގެޒެޓުގައި އާންމުކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.

އަދި ގެޒެޓުގައި އާންމުކޮށްފައިވާ އުސޫލުތައް ނުވަތަ މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނަކާ ހިލާފަށް އެއްވެސް މީހަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއުއަކުން ގޯއްޗާއި ފްލެޓު ލިބުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި

ސްކޭމްތަކަށް ސަމާލުވުމަށް އަންގައި މިނިސްޓްރީން ބުނީ ސަރުކާރުން ހިންގާ ޕްރޮގްރާމެއްގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓު ހޯދުމަށް އެއްވެސް މީހަކާ އެެކު ފައިސާގެ މުއާމަލާތެއް ނުކުރާނެ ކަމަށެވެ.

އެހެންކަމުން އެކި ފަރާތްތަކުން ހިންގަމުންދާ މިފަދަ ސްކޭމްތަކަށް އާންމު ރައްޔިތުން ސަމާލުވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

"އަދި ސަރުކާރުން ހިންގާ ޕްރޮގްރާމެއްގެ ދަށުން ދޫކުރާ ގޯތި ނުވަތަ ފްލެޓު ހޯދުމުގެ ގޮތުން އެއްވެސް ފަރާތަކާ ފައިސާ ނުވަތަ އެފަދަ އެހެން މުއާމަލާތެއް ނުކުރުމަށް އިލްތިމާސްކުރަމެވެ." މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ހައުސިން މިނިސްޓްރީން ވަނީ އުސޫލާއި އިއުލާނުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ބޭރުން ގޯއްޗާއި ފްލެޓު ހޯދުމަށް އެއްވެސް މީހަކާއެކު ފައިސާގެ މުއާމަލާތެއް ކޮށްފައިވާ ނަމަ، އެކަން ލަސްނުކޮށް ޕޮލިހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހޮޓްލައިން ނަމްބަރު 125އަށް ގުޅައި ރިޕޯޓުކުރަން އެދިފައެވެ.