ގދ. މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރި ކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މިއަދު ބުނީ މަޑަވެލީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކޮށްފައިވާ ކަމަށެވެ.
މިއަދު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ އެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 400 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 174,584,264.40(ސަތޭކަ ހަތްދިހަ ހަތަރު މިލިއަން ފަސް ލައްކަ އަށްޑިހަ ހަތަރު ހާސް ދުއިސައްތަ ފަސްދޮޅަސް ހަތަރު ރުފިޔާ ސާޅީސް ލާރި) ރުފިޔާއަށެވެ.
މި މަޝްރޫޢުގެ ދަށުން 19.17 ހެކްޓަރުގެ ބިން ހިއްކައި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން ކުރީން ކޮންޓްރެކްޓްކޮށްފައިވާ 8.85 ހެކްޓަރުގެ ބިން ހިއްކުމާއެކު މަޑަވެލީ ފަޅުން 35 ހެކްޓަރުގެ ބިން ހިއްކުމަށް ރޭވިފައިވާ ކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.