ބޭސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާ އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު 11:00 ގައި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ބޭއްވި ބައްދަލުވުމުގައި އެމް.އެން.އެސް.ޑީ.އޭ. ގެ ފަރާތުން އެ ފަހުމުނާމާގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުޙައްމަދެވެ.

ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ރައީސް މުޙައްމަދު އަޙްމަދެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ފަހުމުނާމާއަކީ ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ބޭނުންވާ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑްތަކާއި ޓްރެއިނިންގ ޕެކޭޖް ތައްޔާރުކުރުމަށް ސޮއިކޮށްފައިވާ ފަހުމުނާމާއެއް ކަމަށެވެ.

އެގޮތުން މި ފަހުމުނާމާގެ ދަށުން ދިވެހިބޭސްވެރިކަމުގެ ދާއިރާގައި 5 އަހަރަށްވުރެ ދިގުމުއްދަތެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އެމް.އެން.އެސް.ޑީ.އޭ ގެ ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓިފިކޭޝަން ޕްރޮގުރާމު މެދުވެރިކޮށް ނޭޝަނަލް ސެޓްފިކެޓް ހާޞިލުކުރެވޭނެ މަގު ފަހިވެ، އެފަދަ ތަމްރީނު ޕްރޮގްރާމުތައް އެސެސްކުރައްވާނެ ނޭޝަނަލް އެސެސަރުން ރެޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވި، މި ދާއިރާއިން އަލަށް ތަމްރީނުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ނެތެމުންދާ ފަންނުތައް ދިރުވައި އާލާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

މިގޮތުން އެމް.އެން.އެސް.ޑީ.އޭ އިން ދަނީ މިފަދަ ދާއިރާތަކަށް ޚާއްސަ ސްޓޭންޑަޑްތައް ތައްޔާރުކުރަމުންނެވެ.