ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ނުކުރެވި ހުރި ކަންތައްތައް ކުރުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ޞާލިހު މިހެން ވިދާޅުވީ މާލެ ސިޓީގެ މެނިފެސްޓޯ ލޯންޗް ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހް ވަނީ ބާރުތައް ޖަމާކުރާ ވެރިއަކަށް މާލެ ސިޓީ ހިންގޭނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވެ،
މި ސަރުކާރުން ޓީމެއް ގޮވައިގެން، ލާމަރުކަޒީ ނިޒާމު މާލެ އާއި ރާއްޖެ ހިންގާނެ ވާހަކައާއިގެން ނިކުމެފައިވާ ކަމަށާއި އެފަދަ ސިޔާސަތުތަކެއް ތަންފީޒުކުރައްވާ ބޭފުޅަކަށް މާލެ ސިޓީ ހިންގޭނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ.
"މިއަދު އެ މަނިކުފާނު ވެރިކަމުގައި ހުންނަވައިގެން އެ ކުރައްވާ ކަންތައް ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ނުކުރެވި ހުރި ކަންތައް ކުރުން. ވީހާވެސް ބޮޑަކަށް ރައްޔިތުން ނަށް މަގުފަހިކޮށްދީފައި މަސައްކަތްކުރަން ފުރުސަތުތައް ހުޅުވައި ދިނުން. އެ އެއްނޫން އަޅުގަނޑުމެންނަށް ޑރ. މުޢިއްޒުގެ.ރައީސް މުޢިއްޒުގެ ފަރާތުން އެ މަނިކުފާނުގެ ފުރަތަމަ ސިޔާސަތަކީ ގާއަޅާ ުކުންފުންޏެއް އުފެއްދުން މާލޭގަ އާންމުން ވިޔަފާރިވެރިން ނުލާހިކު ރަނގަޅަށް ކުރަމުން އަންނަ މަސައްކަތެއް.ދެވަނަ ކަމަކަށް އައިނު ހަދާ ކުންފުންޏެއް ހެދުން. ތިން ވަނަ ކަމަކަށް ސަރުކާރުން ރިސޯޓުތަކެއް ތަރައްގީކޮށް ރައްޔިތުންނަށް ހިއްސާދިނުން. މި ހުންނަނީ ސަރުކާރުގެ އެއްވެސް ބައިވެރިވުމެއްނެތި މި ރާއްޖޭގައި މިހާރުވެސް ކުރާ ކުރަމުން އަންނަ މަސައްކަތްތަކެއް. މި ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަންނާކަށް ނުޖެހޭ. ފުރުސަތު ދޭންވީ. ވިޔަފާރި ވެރިންނަށްވެސް ފުރުސަތު ދޭންވީ ހިންގުމަށްވެސް ޖާގަ ދޭންވީ." ރައީސް ޞާލިހް ވިދާޅުވިއެވެ.
މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމަށް ވަޑައިގެން ކުރެއްވި މަސައްކަތްތައް މާލޭގެ މަގުމަތިން ފެންނަން ހުރި ކަމަށާއި ރައީސް މުއިއްޒު މާލޭގެ މަގުތައް ރޮނގުދަމާ ބައިބައިކޮށް އެކި ފަރާތްތަކަށް ކުއްޔަށް ދެއްވި ކަމަށެވެ.
ނަމަވެސް ނަސީބަކުން ފަހުން އެ ތަންތަން ސަލާމަތްކުރެވުނު ކަމަށާއި ކުޑަ ދުވަސްކޮޅެއް ވީނަމަ އެ ތަންތަން ކުއްޔަށް ނެގި މީހުންގެ މައްޗަށް ރަޖިސްޓްރީކޮށްދީފައި ފަތްދީފައި ވަށާ ފާރު ވެސް ނަގާފައި ހުންނާނެ ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.