ރޯދަމަހުގެ ފަހު 15 ގައި އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށްފަހު ފަހު ވަގުތު ދަތުރު ކެންސަލްކުރި އަބްރާރު ގްރޫޕުގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

"ވީ ނިއުސް" އަށް މައުލޫމާތު ދެމުން ފުލުހުން މިއަދު ބުނީ ރޯދަ މަހު އުމްރާއަށް މީހުން ގެންދިއުމަށް ގްރޫޕަކުން ފައިސާ ނެގުމަށް ފަހުދަތުރު ކެންސަލްކޮށްފައިވާ ކަމުގެ ޝަކުވާއެއް މި މަހުގެ 4 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންވެ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

މި މަހުގެ 5 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފުރަން ތައްޔާރުވެފައިވަނިކޮށް ޢުމްރާ ދަތުރު ކެންސަލް ކުރި މައްސަލައިގައި "އަލްއަބްރާރު" ޙައްޖު އެންޑް ޢުމްރާ ކުންފުންޏަށް ޢުމުރާއަށް މީހުން ގެންދިއުމަށް ދޫކޮށްފައިވާ ހުއްދަ ވަގުތީގޮތުން ހިފަހައްޓާފައިވާކަމަށާއި އެކަން އެ ކުންފުންޏަށް މިހާރު އަންގާފައިވާ ކަމަށެވެ.

އިސްލާކް މިނިސްޓްރީން އިތުރަށް ބުނީ، މިހާތަނަށް މިނިސްޓްރީން ބެލި ބެލުމުން އެ ކުންފުނިން އުމްރާ ދަތުރު ކެންސަލްކޮށްފައި ވަނީ މަގުބޫލު އެއްވެސް ސަބަބެއް ނެތި އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާވެސް ހިލާފަށް ކަމަށެވެ.

އަދި ހަމަ އެހެންމެ އެކަމާ ގުޅޭ މައުލޫމާތު އިތުރަށް ސާފު ކުރުމަށްފަހު އުސޫލުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ. އަދި އަލް އަބްރާރް އުމްރާރު ގުރޫޕުގެ ފަރާތުން އުމްރާގެ އަޅުކަމަށް ދާން ފައިސާ ދެއްކުމަށްފަހު ނުދެވި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯތުކޮށްދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ވަނީ އޭރު ބުނެފައެވެ.